ޚިޔާނާތުގެ 42 ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ވ.ތިނަދޫ، ރެޑް ހައުސިން، އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލުމުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، މި ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ.

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އައްމަޓީގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ އަށް ދުވަހެވެ. އެއަށް ފަހު އިތުރު ހަތް ދުވަސް ދިނެވެ. ފުރަތަމަ ދެ ފަހަރެކޭ އެއް ގޮތަށް، ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުކޮށްދޭން ދައުލަތުން ތިންވަނަ ފަހަރު ވެސް އެދުނެވެ. އެކަމަކު ނިންމީ އޭނާ ދޫކޮށްލުމަށެވެ.

ކްރިމިނަލް ކޯޓުގައި އައްމަޓީގައި ދައުވާތަކުގެ ޝަރީއަތް ގެންދަވާ ގާޒީ ހަސަން ސައީދު އޭނާ ދޫކޮށްލަން ނިންމެވީ ދެ ޝަރުތެއް ކުރުމަށް ފަހުގައެވެ. އެއީ ޝަރީއަތް ނިމެންދެން މާލެއިން ބޭރަށް ނުދިއުމާއި، ރާއްޖޭން ބޭރަށް ފުރައިގެން ނުދިއުމަށެވެ.

ފްލެޓްތައް ގަތް ބަޔަކަށް ފްލެޓްއ އަދި ފައިސާ ވެސް ނުދީ އުޅެނިކޮށް އައްމަޓީ ހައްޔަރުކުރީ ލަންކާއިންނެވެ. ލަންކާގައި އޭނާ އުޅުނީ ފިލައިގެން ކަމަށް ތުހުމަތު ކުރެވެއެވެ. އެކަމަކު، އައްމަޓީ ބުނާ ގޮތުން، އޭނާ ލަންކާގައި އުޅުނީ އެ ގައުމުގެ މީހަކާ ކައިވެނިކޮށްގެންނެވެ. ލަންކާއަށް ދިޔައީ ފިލަން ނޫން ކަމުގައެވެ.

އައްމަޓީގެ މައްޗަށް މިހާ ގިނަ ދައުވާތަކެއް އުފުލީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ފްލެޓްތައް ނާޅައި މީހުންގެ އަތުން ފައިސާ ނަގައި އަދި އެ ފައިސާ އަށް ހިޔާނަތްތެރިވި މައްސަލައިގައެވެ.