ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި، ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރާއްޖެއަށް ބައެއް ތަކެތި މިއަދު ރަސްމީކޮށް ހަވާލްކޮށްފިއެވެ.

މި ތަކެތި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރުއެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ބައެއް ބޭސްތަކުގެ އިތުރުން، 11 ޖީން އެކްސްޕާޓް މެޝިން އާއި، 10 އޮޓޯކްލޭވް، އަދި ކޮވިޑް-19 އާ ގުޅިގެން ޙަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް ހަ މޮޓޯސައިކަލް ހިމެނެއެވެ.

އޭގެ އިތުރުން ވެސް ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓްކިޓް މިއަދު ވަނީ ހަވާލުކޮށްފައެވެ.

ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ، ހަވާލުކުރެވުނު ތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިންއާއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ސިއްހީ ހިދުމަތްދިނުމަށް ބޭނުންކުރެވޭ ތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށާއި، ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހާއްސަކޮށް ބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިންއާއި، ޓެސްޓްކިޓްތަކުގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ.

އޭގެ އިތުރުން ވެސް އެމެޖެންސީ ސިއްހީ ހިދުމަތްދިނުމަށް ބޭނުންވާ އާލާތްތަކާއި ބޭސްވެސް އެޖަމިއްޔާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.