އައްޑޫ ސިޓީން މިއަދު އެކަނި 11 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫން އަނެއްކާވެސް އެއް ދުވަހެއްގެ ތެރޭގައި ގިނަބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ ދުވާލަކަށް ފައްސިވާ އަދަދުތައް އެކަކަށް ވެއްޓިފައި ވަނިކޮށެވެ.

އައްޑޫން މިއަދު ފައްސިވި 11 މީހުންގެ ތެރޭގައި ހިމެނެނީ، ފްލޫ ކްލިނިކަށް ދެއްކި ހިތަދޫ ދެ މީހަކާއި، ފައްސިވި ބަޔަކާއި ގާތުން އެއްތާވި ހަތް މީހަކާއި، ގޭގައި ކަރަންޓީންގައި ހުއްޓާ ނެގި ސުންކެކެވެ. މި އެންމެންވެސް ފައްސިވެފައި ވަނީ ހިތަދޫންނެވެ. މީގެ އިތުރުން މަރަދޫން ވަނީ ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ފައްސިވެފައެވެ.

އައްޑޫގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވެފައި ވަނީ، އެ ބައްޔަށް ފައްސިވާ އަދަދުތައް ދަށްވުމާއި ގުޅިގެން ފިޔަވަޅުތަކަށް ލުއިދީފައި ވަނިކޮށެވެ. އެގޮތުން އައްޑޫގެ ކެފޭ، ރެސްޓޯރެންޓްތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދެވޭ ގޮތަށް ލުއިތައް އިއްޔެ ވަނީ ދީފައެވެ. އަދި ހިތަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަ ދީފައި ވެއެވެ.

އަދި މީގެ އިތުރުން ކުޅިވަރު ހަރަކާތްތައް ހިންގުމަށް ހުއްދަ ދީފައިވާއިރު، ސެލޫންތަކާއި، ބޯކޮށާ ތަންތަނުގެ އިތުރުން ޖިމްތައް ހުޅުވުމަށް ވެސް ވަނީ ހުއްދަ ދީފައެވެ.

އައްޑޫގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 512 އަށް އަރާފައެވެ.