ރިޔާސީ އިންތިޚާބާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ކިއުން، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާންއެވެ. އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދުއެވެ.

ނަމަވެސް މި ބޭފުޅުން އިންތިޚާބުތަކާއި ގުޅޭގޮތުން ހުށަހަޅުއްވާފައިވަނީ ކޮން އިސްލާހުތަކެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. މި ބިލުގެ ފުރަތަމަ ކިއުން އޮންނާނީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައެވެ.

އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ކިއުން، މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، މި ޤާނޫނުތަކަށް އިސްލާޙު ގެނައުމަށް މަޖިލީހަށް ހުށަހެޅުުމަށް ކުރިންވެސް ސަރުކާރުން ވަނީ ނިންމައި އެކަން އިއުލާނުކޮށްފައެވެ. އެެހެން ނަމަވެސް އެއީ ކޮން އިސްލާހުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.

މާދަމާގެ ޖަލްސާގައި އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ކިޔުން އިއްވުމުގެ އިތުރުން، ލަންކާއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)، ރާއްޖެއިން ރަޝިއާ އަށް ކަނޑައަޅާ ނަން ރެސިޑެންޓް ސަފީރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް، މަޖިލީހުގެ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަވެސް އެޖެންޑާކޮށްފައި ވެއެވެ.