ދ. އަތޮޅުގައި އޮންނަ ރިސޯޓެއްގައި ޒުވާނަކު ގެނބިގެން މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެކެވެ.

އެނގިފައިވާގޮތުން، އެއީ ރިއު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެކެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލްގެ ޒިންމާދާރު ވެރިޔާ އިބްރާހިމް ފަޒީލް ވިދާޅުވީ، އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނައި ކަމަށެވެ.

އަދި އެ މީހާ ހޮސްޕިޓަލަށް ގެނައީ މެންދުރު 12:00 ހާއިރު ކަަމަށާއި، ގެނައިއިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، ހާދިސާ ހިނގާދިޔަ ގޮތުގެ ތަފްސީލެއް އޭނާއަސް ނޭނގެއެވެ.

ގެނބިގެން މަރުވެފައި ވަނީ ފިރިހެން ފަތުރުވެރިއެކެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ، މަރުވެފައި ވަނީ އުމުރުން 32 އަހަރުގެ ޔޫކްރޭން ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ މަރުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:33 ހާއިރު ކަމަށް ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވަނީ މި ކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަން ހާމަކޮށްފައެވެ.

ރިއު ރިސޯޓްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާއިރު، ސަން ސިޔާމްގެ ރިސޯޓެއްގައި ސްވިމިން ޕޫލަކަށް އެރުނު ފަސް އަހަރުގެ ރަޝިއާ ފިރިހެން ކުއްޖަކު އިއްޔެ ވަނީ މަރުވެފައެވެ.