ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަލްގޭރިއާއަށް ކުރައްވަމުން ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސްވެޓްލަން ރިސްޓޮވް ސްޓޯއެވްއާ ޓޫރިޒަމް މިނިސްޓަރު ޑރ. ސްޓެއްލާ ބަލްޓޮވާއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު ސްވެޓްލަންއާ އެކު ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ.

ރާއްޖެއާ ބަލްގޭރިއާ ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ވަނީ ދެއްވައިފައެވެ.

އީޔޫގައި، ބަލްގޭރިއާއިން އަދާކުރަމުންދާ ރޯލް ފާހަގަކުރައްވައި، ރާއްޖޭގެ ޑިމޮކްރެސީ ހަމަހަމަ މަގަށް އެޅުވުމަށް އީޔޫއިން ކޮށްދީފައިވާ މަސައްކަތް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ފުރިހަމަ ތާއިދު އީޔޫއަށް އޮންނާނެކަމުގެ ޔަގީންކަން ޝާހިދު، ފޮރިން މިނިސްޓަރަށް ދެއްވިއެވެ.

ޑރ. ސްޓެއްލާއާ އެކު ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ ބަލްގޭރިއާ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ބަލްގޭރިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ޕްރޮމޯޝަންތައް އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އާއްމު މަޖިލީހުގެ ރައީސްކަމުގެ ދައުރުގައި ކުރައްވާނެ ކަންތަކުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަންނަން ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމު ކަމަށް ޝާހިދު އަލިއަޅުއްވައިލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތި ކާޕެޓް މިނިސްޓަރުޝާހިދުގެ ބޭނުމަކީ ގައުމަށާއި ރައްޔިތުންނަށް އެއްވެސް ފައިދާއެއްނެތް ހަމައެކަނި އަމިއްލަ އެދުމަށް ދަތުރުތައްކުރުން، ބަލްގޭރިއާފަދަ ދެރަވަރު ގައުމުތަކަކީ އަހަރުމެން ބޭނުންފައިދާއެއް ދެވޭނެ ބައެއްނޫން، މިކަލޭގެ ބޭނުންވަނީ ގައުމެކޭ ކިޔައިފިއްޔާ ކަކުނިހޮރަކަށްވިޔަށް އެތަނަކަށް ދަތުރުކުރަން، އަނގަޔާ އަތާއި ދިމާނުވެތިބި މިގައުމުގެ ރައްޔިތުންގެ ބެއިތުލްމާލު ދަވާލާފަ، ވެދާނެ ތިމަންނަ ނުދާ ގައުމެއް މިދުނިޔޭގަ ނެތޭ ބުނަން ކަމަށްވެސް، މިއީ ވާ ސަރުކާރެއް...####