މާލެ ސިޓީގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާން ކޮށްފައިވާއިރު، މާލޭގައި ބަހައްޓާނީ އެންމެ ޒަމާންވީ ޑިޖިޓަލް މީޓަރު ސިސްޓަމްތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީޓަރު ޕާކިން ސިސްޓަމަކީ ވަކި ތަނެއްގައި ވަކި ވަަގުތެއް ވަން ދެން ވެހިކަލް ޕާކްކޮށްފައި ބޭއްވުމަށް ޓަކައި މަގުމަތީގައި ބަހައްޓާފައި ހުންނަ މެޝިނެކެވެ. މިއިން ފައިސާ ދައްކަން ޖެހޭނެއެވެ. މިއީ ރާއްޖޭގައި މިފަދަ ސިސްޓަމްތަކެއް ހަރުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިފަދަ ސިސްޓަމްތައް ބޭނުން ކުރެއެވެ.

މާލޭގެ މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީޓަރު ޕާކިން ސިސްޓަމްތައް ހަރު ކުރުމާ ގުޅޭ ގޮތުން ވަރަށް ގިނަ ޚިޔާލުތަކާއި ލަފާތަކުގެ އިތުރުން އެކި ގޮތްގޮތުގެ ކަންބޮޑުވުންތައް ވެސް ލިބިފައިވާ ކަމަށެވެ. މޭޔަރު ވަނީ މި ކަންކަން ޚިއްސާކުރި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މޭޔަރު ވިދާޅުވީ، ލިބިފައިވާ ޚިޔާލުތަކަށް ރިއާޔަތްކޮށް، ނޮން ޑިޖިޓަލް ނޫނީ ދުވަސްވެފައިވާ ނިޒާމެއްގެ މީޓަރު ޕާކިން ސިސްޓަމްތަކެއް ހަރު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"މި ޕްރޮޖެކްޓްއަކީ، އަޅުގަނޑުމެން [މާލެ ސިޓީ ކައުންސިލް] ގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ޑިޖިޓަލް މާލެ ސިޓީއެއް ބިނާ ކުރުމަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް،" މޭޔަރު ލިޔުއްވާފައިވެއެވެ.

މީޓަރު ޕާކިން ސިސްޓަމާއި ގުޅޭ އިތުރު މައުލޫމާތު ސިޓީ ކައުންސިލުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.

މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އެ މަސައްކަތް ކުރަން ފުރުސަތު ހުޅުވާލައިފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 19 ގައި މި ހިދުމަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު، ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގައި ސިޓީ ކައުންސިލަށް ބިޑް ހުށަހަޅަން ޖެހެއެވެ.

މާލެއަށް ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން ކުއްޔަށް ޕާކިން ޖާގަ ހޯދަން ބޭނުންވާ މީހުންނަށް އޮތީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް އެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. މި ފުރުސަތުގައި ޕާކް ކުރުމަށް 211 ޖާގައެއް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފައެވެ.

ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ބިންތަކުގެ ތެރޭގައި ހިމެނޭ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް އިތުރު ކަންކަން ކުރަން ވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އޭގެތެރޭގައި ޕާކް ކުރެވޭނެ އިމާރާތްތައް ބިނާ ކުރުން ވެސް ހިމެނެއެވެ.