ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގާފައިވާ ހިޔާނާތުގެ ތަހުގީގު ފުރިހަމަ ކުރަން ދެވަނަ ފަހަރަށް އެންގިތާ ގިނަ ދުވަސްވީ އިރު އެ މައްސަލަ އަދިވެސް ނުނިމޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް، އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވެސް ދިނެވެ. އެކަމަކު މިހާތަނަށް ރާއްޖެ ގެނައީ އެންމެ 15 ވެންޓިލޭޓަރެވެ. މި މުއާމަލާތުގެ ތެރެއިން ހެލްތު މިނިސްޓްރީގައި ހިޔާނާތުގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަން އޮޑިޓަ ޖެނެރަލް އާންމު ކުރި އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ވަނީ ފެންމަތިވެފައެވެ.

މި މައްސަލަ ފުރަތަމަ ތަހުގީގުކޮށް އޭރުގެ ހެލްތު މިނިސްޓަރު އަމީން އަބްދުﷲ އާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. އެކަމަކު އެ އޮފީހުން ވަނީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ މައްސަލަ އަލުން އަނބުރާ ފޮނުވާލައިފައެވެ.

އެހެންވިޔަސް އޭރު އޭސީސީން ވިދާޅުވަމުން ގެންދެވީ މައްސަލަ ފޮނުވީ ދައުވާ ކުރެވޭ ވަރަށް ހެކި ކުރި ކަން ޔަގީން ކުރުމަށް ފަހު ކަމަށެވެ.

އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ޕީޖީ އޮފީހުން އެ އޮފީހުގެ ނިންމުން ރިވިއު ކުރަން ނިންމިއެވެ. އެކަމަކު އެ ދެ ފަހަރު ވެސް ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ. އަދި ތަހުގީގު ފުރިހަމަ ކުރަން އޭސީސީއަށް އެންގިއެވެ.

"ޕީޖީން އެންގި ކަންތައްތައް ބަލަމުން މިދަނީ" އޭސީސީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވިއެވެ.

ވެންޓިލޭޓަރު ހިޔާނާތުގެ ތަހުގީގު ލަސްވަމުންދާތީއާއި، ދައުވާ ނުއުފުލަން ޕީޖީ އޮފީހުން ކޮންމެ ފަހަރަކު ވެސް ނިންމާތީ އާންމުންގެ ގިނަ ފާޑުކިއުންތަކެއް ވެސް ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނީމާ

    ދިގު ނުލިއްޔާ ދެރަ، ސްލޯ ސަރުކާރެއްގަ، ސްލޯލިހް ކިއާ ވެރިއެއް ބަހަޓައިގެން

  2. ހޮނޑާފުށީ ބޮޑުހުސޭނު

    ރޯޔަލް ވައްކަމެއްވީމަ ވާނީތިޔަހެން