ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ދަގަނޑު ބުރިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ އަށް ހަމަލާދީފައި ވަނީ ލ.ފޮނަދޫގައި ރޭ 21:30 ކަންހާއިރުއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވީ، މި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 02:18 ހާއިރު ކަމަށެވެ.

ލިބުނު ޒަހަމްތަކަށް، މަސްއޫދޫ ވަނީ ފޮނަދޫ ހެލްތް ސެންޓަރުގައި ފަރުވާ ހޯއްދަވައިފައެވެ.

މަސްއޫދު "ވަގުތު" އަށް ވިދާޅުވެފައިވާ ގޮތުން އޭނާ އަށް ހަމަލާދިނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ ކާރު ފޮނަދޫގައި އޮއްވާ ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ފޮނަދޫ ދިކުސާގޭ އަހްމަދު ޝަމީމެވެ.

މަސްއޫދުގެ ކާރު ޕާކް ކޮށްފައި އޮއްވާ ޑިސެމްބަރު މަހު ކާރުގައި ރޯކޮށްލި މައްސަލައިގައި އަހްމަދު ޝަމީމްގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް އެމައްސަލައިގައި ވެސް އަހްމަދު ޝަމީމް ހައްޔަރު ކޮށްފައެއް ނުވެއެވެ.