މީގެ ތިން ދުވަސް ކުރިން ފުވައްމުލަކަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަރަންޓް ކެނޑުނު މައްސަލަ ހައްލު ކުރުމަށް މިއަދު މެންދުރު ފަހު އެރަށުން ކަރަންޓް ކަނޑާލަން ނިންމައިފިއެވެ.

ފުވައްމުލަކަށް ކަރަންޓް ފޯރުކޮށްދެމުންދާ ފެނަކަ ފުވައްމުލަކު ބްރާންޗުން ކުރި އިއުލާނެއްގައި ބުނީ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އެރަށަށް ގެންގޮސްފައިވާ ޓްރާންސްފޯމަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދު 14:00 އިން ފެށިގެން 17:00 އަށް ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކަރަންޓް ކަނޑާލާ ވަގުތު ސަޕްލައި ފެނުގެ ޕްރެޝަރު ދަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ކަރަންޓްގެ ހިދުމަތް މެދުކެނޑުމުން ކުރިމަތިވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ވެސް ފެނަކަ އިން ވަނީ ބުނެފައެވެ.

ޓްރާންސްފޯމަރު ހަވާލު ވުމުން ފުވައްމުލަކުން ކަރަންޓް ކެނޑުނީ ހޯމަ ދުވަހުގެ ފަތިހުއެވެ. ހޯމަ ދުވަހު ވަގުތީ ހައްލެއް ހޯދައި އެރަށަށް ވަނީ ކަރަންޓް ފޯރުކޮށްދީފައެވެ.

ފުވައްމުލަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ޓްރާންސްފޯމަރެއް ހަލާކުވުމުން އެރަށަށް ޓްރާންސްފޯމަރެއް ގެންދިޔައީ އައްޑޫންނެވެ.