މިވަގުތު ދުނިޔޭގެ ހަލުވި ކަމާއެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރިވެ އާއްމު ހާލަތަކަށް ދިރިއުޅުން ގެނެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްގެން ކަމަށް ޚުތުބާއިން ބުނެފިއެވެ.

1442 ވަނަ އަހަރުގެ ފަހު ހުކުރު ޚުތުބާގައި ބުނެފައިވަނީ ބަލި ބައްޔާއި މެދު ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަބަބުތަކުގައި ހިފުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ ދާއިރާއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބި އާއްމު ހާލަތަށް ގެނެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުން ކަމަށެވެ.

"ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަވެ، ބަލި ފެތުރުން ކޮންޓްރޯލުވާ ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއްކައެވެ. ސަބަބުތަކުގައި ހިފުމަކީ އެއްވެސް ހާލެއްގައި، ﷲ އާ ވަކީލު ކުރުމާ ތަޢާރުޟުވާ ކަމެއް ނޫނެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ހިޖްރައިގެ ދަތުރުފުޅު ފެއްޓެވީ ރައްކާތެރިކަމުގެ ގޮތުން އަޅުއްވަން ޖެހިވަޑައިގަންނަވާ ހުރިހާ ފިޔަވަޅެއް އަޅުއްވައިގެން ކަމަށެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ރަނގަޅުވެފައިވާތީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް ދިން ލުއިތަކާއި އެކީ ބައެއް ފަރާތްތަކުން ފަރުވާ ކުޑަކޮށް، ރައްކާތެރިވުމުގެ ގޮތުން ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ކުރުމަށް މަސައްކަތް ނުކުރާ ކަމަށް ސިއްހީ މާހިރުން ވަނީ ހާމަ ކުރައްވާފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު ވެކްސިން ޖެހޭ އާބާދީގެ 21 އިންސައްތަ މީހުން ފުރަތަމަ ޑޯޒު ނުޖަހާ ތިބިއިރު، ދެވަނަ ޑޯޒު 40 އިންސައްތަ މީހުން އަދި ނުޖަހައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އިޒްރޭލު އާއްމު ހާލަތަށް ދެން ނާންނަނީ ކީއްވެއޯ؟ ވެކްސިން މަޖްބޫތު ނުކޮށް ސިންގަޕޫތުބއެއޮތީނއާއްމު ހާލަތަށް ގެނެސްފަ. އެމީހުން މަސް ރިޕޯޓް ހަދާގޮތަށް ކޮވިޑް ރިޕޯޓް ހެދުން ހުއްޓާލީ. އެއީ ކުރަންވީ ކަމަކީ. އާއްމު ހާލަތަށް އެއައީ. ވެކްސިން ވެކްސިން. މިއީ ތަސްބީހައެއްތަ؟

  2. ލިލި

    ހުތުބާ އަކީވެސް ސަރުކާރު ގެ ޕުރޮޕެގެންޑާ ފަތުރާއެއްޗަކަށް ހަދަޢިފި...

  3. ކަފަ

    ވެކްސިން ޖެހީމަ ނުޖެހޭ ނަމަތާ!