ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާން ސަރުކާރުން ރާއްޖެއަށް 112،000 ޑޯޒްގެ އެސްޓްރާޒެނެކާ ކޮވިޑް-19 ވެކްސިން ހަދިޔާކޮށްފިއެވެ.

ވެކްސިން ހަދިޔާކޮށްފައިވަނީ ޖަޕާންގެ "ލާސްޓް ވަން މައިލް ސަޕޯޓް"ގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވަނީ ޖަޕާން ސަރުކާރުން ވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މެޑިކަލް އިކުއިޕްމަންޓް އާއި މެޑިކަލް ސަޕްލައިގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ އެހެނިހެން ދީލަތި އެހީތަކަށްވެސް ނަސީމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ވެކްސިން ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ބައިވެރިން ފޮޓޯއަަކަށް ހުއްޓިލައިގެން/ ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާނުން މި ފޯރުކޮށްދިން ވެކްސިންއާއެކު، ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އިތުރަށް ފަސޭހަ ވެގެންދާނެކަންވެސް ނަސީމް ފާހަގަކުރެއްވިއެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމަށް ފާހަގަކުރައްވައިފައެވެ. އަދި ރާއްޖެއަށް ބޭނުމެއް ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މިއަދު ލިބުނު ވެކްސިން ޝިޕްމަންޓަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބުނު ވެކްސިންގެ ހަތަރު ވަނަ ޝިޕްމަންޓެވެ.

ކޮވެކްސްގެ ދަށުން މި އޮގަސްޓް މަހުގެ ކުރީކޮޅު އެމެރިކާއިން ފޯރުކޮށްދިން 128،700 ޑޯޒްގެ ފައިޒާ ވެކްސިން ލިބި، މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ. ވެކްސިން ޖެހޭ އާބާދީގެ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ޖެހުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މިއަދާ ހަމަޔަށް ރާއްޖެ އިން ތިން ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.