ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާ، ރާއްޖޭ ވަޑައިގެންފިއެވެ.

ޖަޕާންގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅުގައި ރާއްޖެއާއި ޖަޕާނުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން އޭނާ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ހަޔާޝީ އާއި މިނިސްޓަރ ޝާހިދު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް ވިސާގެ ޝަރުތުތައް 90 ދުވަހުގެ މުއްދަތަށް ލުއިކޮށްދިނުމާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) އާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޑީއެފް އަށް ބޭނުންވާ ފަޔަރ ބޯޓާއި އައިސީޓީ އިކުއިޕްމަންޓް ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން މިނިސްޓަރު ހަޔާޝީ ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން އިމާރާތްކުރި ކަލާފާނު ސްކޫލަށާއި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ސީވޯލް ޓެޓްރާޕޮޑް މޮނިއުމެންޓަށް ޒިޔާރަތް ކުރައްވާނެއެވެ.

މިދިޔަ ޖެނުއަރީ 2018 ގައި ޖަޕާންގެ ކުރީގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ ވެސް ރާއްޖެ ވަޑައިގެންނެވިއެވެ.