ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް އަށް އެމްބިއުލާންސް ހަދިޔާކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލްކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު މިސް ތަކެއުޗި މިދޯރީއެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން އެމްބިއުލާންސްތަކާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އަހުމަދު ނަސީމެވެ.

އެ ރަސްމިއްޔާތުގައި ހއ. ހޯރަފުށި ހެލްތު ސެންޓަރު، ހއ. ކެލާ ހެލްތު ސެންޓަރު، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސްޕިޓަލް، އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލަށް ވަނީ އެމްބިއުލާންސެއް ހަވާލުކޮށްފަ އެވެ. އަދި ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ނެޝަނަލް އެމްއެމްބިއުލާންސް ސަރވިސަސްއަށް ދެ އެމްބިއުލާންސް ހަވާލުކޮށްފައި ވެއެވެ.

ހެލްތު ފެސިލިޓީ ތަކުން އެމްބިއުލާންސްތަކާއި ހަވާލުވެ ވަޑައިގެންނެވީ އެ ފެސިލިޓީއެއްގެ މެނޭޖަރެވެ.

ހެލްތް މިނިސްޓްރީއިން ބުނީ މިއަދު ހަވާލްކުރެވުނު އެމްބިއުލާންސްތަކާއިއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

މިއަދު ހަވާލުކުރެވުނު އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)" ގެ ދަށުން ހަދިޔާކުރެވުނު އެމްބިއުލާންސްތަކެއް ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

އެ އެމްބިއުލާންސްތަކަކީ، އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތަކާއެކު ހަދިޔާކުރެވުނު އެމްބިއުލާންސްތަކެއް ކަމަށެވެ. މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނޭ ކަމަށެވެ.