ޖަޕާންގެ ފޮރިން މިނިސްޓަރ ޔޮޝިމާސާ ހަޔާޝީ މިހަފްތާގައި ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅާއިއެކު ދިވެހިރާއްޖެ އަށް ވެސް އިންވެސްޓްމަންޓްގެ އިތުރު ފުރުސަތުތައް ފަހިވެގެން އަންނާނެ ކަމަށް ޖަޕާންގެ މީޑިއާތަކުން ބުނެފިއެވެ.

ޖަޕާންގެ ފޮރިން މިނިސްޓަރ ޔޮޝިމާސާ ރާއްޖެއަށް ވަޑައިގަންނަވާނީ އަވައްޓެރި ސްރީލަންކާއަށް ވަޑައިގެން އެގައުމުގެ ސަރުކާރާއި އަދި ވިޔަފާރިވެރިންނާއި ވެސް މަޝްވަރާތައް ކުރުމަށްފަހުއެވެ. މިނިސްޓަރ ޔޮޝިމާސާގެ ދަތުރުފުޅު ފެއްޓެވީ އިންޑިއާ އިންނެވެ. ޖަޕާންގެ ފޮރިން މިނިސްޓަރ ޔޮޝިމާސާ މިދަތުރުފުޅުގައި އެފްރިކާ ބައްރުގައި ހިމެނޭ ދެކުނު އެފްރިކާ އާއި ޔޫގެންޑާ އަދި އިތިއޯޕިއާ އަށް ވެސް ދަތުރުފުޅު ކުރައްވާފައެވެ.

ހަގައުމަކަށް ފޮރިން މިނިސްޓަރ ޔޮޝިމާސާ ކުރައްވާ ދަތުރުފުޅުގެ އެންމެ ބޮޑު އެއްބޭނުމަކީ އެފްރިކާ އާއި ދެކުނު އެފްރިކާގައި ބާރުގަދަ ކުރަމުން އަންނަ ޗައިނާގެ ނުފޫޒުތަކުގެ ސަބަބުން ޖަޕާންގެ ނުފޫޒު އެގައުމުތަކުން ބަލިކަށިވެގެން ދިއުން ހުއްޓުވުން ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ޖަޕާން ފޮރިން މިނިސްޓަރުގެ ދަތުރާއިއެކު ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް އަންނާނެ ކަމަށް ޖަޕާންގެ މީޑިއާތަކުން ރިޕޯޓް ކުރިއިރު ޖަޕާނަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެކެވެ. މާލެ ވަށައި ލާފައި އޮތް ތޮއްޓާއި، އަދި ވަރަށް ގިނަ ރަށްރަށުގައި ސްކޫލްތައް އަޅައި ދިނުމާއި އަދި ސުނާމީގެ ސަބަބުން ރާއްޖެ އަށް ލިބުނު ގެއްލުންތަކުން އަރައި ގަތުމުގައި ވެސް ޖަޕާންގެ ބޮޑު އެހީތެރިކަމެއް ލިބިފައި ވެއެވެ.

މާލެ ވަށައި ޖަޕާނުން އަޅައި ދީފައި އޮތް ތޮށި މަރާމާތު ކުރުމުގެ މަޝްރޫއެއް މިހާރު ވެސް އިއުލާން ކޮށްފައި އެބައޮތެވެ. އެކަމާއި ގުޅޭ ދިރާސާތައް ކުރުން މިހާރު ވަނީ ފަށާފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ފަހަކަށް އައިސް ޖަޕާންގެ ހާރިޖީ ސިޔާސަތައް ގެނައި ބަދަލުތަކުގެ ސަބަބުން އެފްރިކާ އާއި އޭޝިއާގެ ގައުމުތަކަށް އޮތް ޖަޕާންގެ ނުފޫޒު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެހެންކަމުން ޖަޕާންގެ ސިޔާސަތައް ބަދަލުތައް ގެނެސް، ޖަޕާނަކީ އެހެން ގައުމުތަކުގެ މައްޗަށް ހާރިޖީ ނުފޫޒުތައް ފޯރުވޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރަން ޖަޕާންގެ މިހާރުގެ ސަރުކާރުން އިސްކަންދޭ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަގީގަތް

    ވަކިގައުމެއްގެ ނުފޫޒު ފޯރާފާނެތީވެ ކިޔާފަ އެހެންބަޔަކުގެ ނުފޫޒު ފޯރުވުން ގޯސް

  2. މޕ

    އިންޑިޔާއިން ޗުޕްޖަހައިގެން މިތަނައް ތިއަންނަނީ އިންޑިޔާގެ ނުފޫޒު ފޯރުވަން