މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 25 އަހަރުގެ ޖަލު ޙުކުމެއް އައުމުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ގެއްލި، އެކަމުގައި އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދާއިރާގެ ކުރީގެ މެމްބަރު، އަޙްމަދު ނާޒިމަށް ދައުވާ ނުކުރެވޭނެ ކަމަަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ނާޒިމަކީ އޭރު ވެރިކަން ކުރާ ޕާޓީގެ މެމްބަރެކެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮތް 18 ވަނަ މަޖިލީހުގެ ނައިބު ރައީސްއެވެ.

2015 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުމުރު ދުވަހުގެ ޖަލު ޙުކުމެއް ނާޒިމަށް ކުރުމާއި އެކު އޭނާގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލުނެވެ. އެކަމަކު އެ ހުކުމް ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުއްވުމުން 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފައެވެ.

ނާޒިމް އެ މައްސަލަ ހައިކޯޓަށް ވައްދާފައިވަނީ، އޭނާ ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން، ކޯޓުގެ އިހުތިސާސުން ބޭރުގައިވާ މައްސަލެއް ކަމަށް ބުނެ، އެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމުމުންނެވެ.

ނާޒިމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ އިތުރަށް ޕެންޝަން ފައިސާ އަދި ޖަލު ހުކުމެއް ތަންފީޒު ކޮށްފައިވާތީ އޭގެ ބަދަލުވެސް ހޯދުމަށެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނާ ހިލާފަށް މީހަކު ބަންދު ކުރުމުން އެކަމުގެ ބަދަލު ލިބިދެވޭނެ ކަމަށް ގާނޫނު އަސާސީ އާއި ބޭރުގެ މުއާހަދާތަކުގައި ބަޔާންކޮށްފައި ވިޔަސް، އިސްތިއުނާފީ ކޯޓަކުން ކުރީގެ ހުކުމެއް ބަދަލު ކުރުމަކީ ބަދަލު ދޭންޖެހޭ ކަމެއް ނޫން ކަމަށެވެ.

އަދި ނާޒިމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ފަހުން ބާތިލްކުރީ އިޖްރާއީ ނުކުތާއެއްގެ މައްޗަށް ކަމަށްވާތީ އެއީ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ހުކުމްގައި ވާގޮތުން ސުޕްރިމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނާޒިމް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ފަހުން ބާތިލް ކުރީ އިޖްރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށް ވާއިރު، އެ ހުކުމުން ބައެއް ކަންކަން ސާފު ނުވެއެވެ.

އަދި ނާޒިމަށް އަދަބު ލިބެންޖެހޭ ކަމަށް ކަނޑައަޅާފައި ވިޔަސް ފަހުން ސުޕްރިމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން އޭނާއަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްފައި ވާއިރު، އަދަބު ލިބެންޖެހޭ ކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ.

"ހުކުމެއް ބާތިލް ނުވަތަ ބަދަލު ކުރުމަކީ އޭގެ ޒާތުގައި އެ ހުކުމުގެ މައްޗަށް ބިިނާކޮށް، ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވިދާނެ ކަމެއް ނޫންކަން އެހެން ގައުމުތަކުގައި އެކަށައެޅިފައިވާ ގާނޫނުތަކުން ވެސް އެނގެ އެވެ." އިއްޔެ ހައިކޯޓުން ކުރި ހުކުމްގައިވެއެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރުގެ އަޣުލަބިއްޔަތުން އެގޮތަށް ހުކުމް ކުރެއްވިޔަސް، އެ ބެންޗުުގައި ހިިމެނިވަޑައިގަތް ފަނޑިޔާރު އަބްދުއް ރައުފް އިބްރާހިމްގެ ރައުޔު ތަފާތެވެ.

ފަނޑިޔާރު ރައުފް ގަބޫލުކުރާ ގޮތުގައި ގާނޫނާ ހިލާފަށް ބަންދު ކުރުމުން އެކަމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ސިވިިލް ކޯޓުން މީގެ ކުރިންވެސް ބަލާފައި ވެއެވެ. އެހެންކަމުން މި މައްސަލަ ނުބެލެންވީ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމުން ފަހުން އެ ދާއިރާގެ މެމްބަރަކަށް ފަހުން ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ.

ޖަލު ހުކުމް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިކަމުގައިވިޔަސް، އޭނާގެ މެމްބަރުކަމުގެ ގޮނޑި އަލުން އަނބުރާ އިއާދަ ކޮށްފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ގޮނޑި އަބުރާ އިއާދަ ނުކުރިޔަސް އޭނާ ކުށެއްނުކުރަނީސް ކޮށްފައިވާ ހުކުމަކަށް ވެގެން ކޯޓުން ހުކުމް ބާތިލް ކުރުމުން ނާޒިމް ބަންދުކުރި ދުވަހުން ފެށިގެން ގޮނޑީގެ މުއްފަތުހަމަވުމާއި ހަމަޔަށް މެމްބަރުކަމުގެ މުސާރަ ލިބެންވާން،. މިހެން މިދެންނެވީ 2008 ވަނަ އަހަރު ރައީސްކަމަށް މިހަންމަދު ނަސީދު އައިސްގެން، އޭރު މަޖިލީހުގަ ތިއްބެވި ރައީސްގެ 8 މެމްބަރުން ވަކިކުރުމުން އވަކިކުރުމަކީ ގާނޫނާއި ހިލާފަށް ކުރިކމެއކަމަށް ކޯޓުްން ކަނޑައަޅާ އެމީހުނަށް ބަދަލުދޭން ވެސް ކަނޑައަޅާ މެމްބަރުކަމުގެ މުއްދަތު ހަމަވުމާއި ހަމަޔށް މުސާރަފައިސާ ދީފާ އޮތުމުން. ވީމާ ނާޒިމަށް ވެސް މިފައިސާ ލިބެން ޖެހޭނެ.

  2. ހުސޭނުބޭ

    މަލަރާ ހީލަތުން ރައީސަކަށް އެރި މީހަކު އެ ކުށަށް މަޢާފުދިނުމުން ބައިތުލްމާލުން ބަދަލުދޭކަށް ނުޖެހޭނެ! ސޯލިހުބޭގެ ތަރިކަ މުދަލުން ބަދަލުދީ!