ސަރުކާރުން ކުރިއަށްގެންދިޔުމަށް ރާވާފައިވާ ބިޔަ މަޝްރޫއުތައް ނިމި ހިދުމަތްތައް ލިބެން ފެށުމާ އެކު، ރާއްޖޭގެ އިގްތިސާދު ދެ ގުނަ އަށް ކުރިއަރައި ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ލަފާކުރައްވައިފިއެވެ.

ތިލަމާލެ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ހުރީ ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގައި ކަމަށެވެ. އެ އަހަރު ރާއްޖެ އަށް 1.7 މިލިއަން ފަތުރުވެރިން އައި އިރު، މިއީ ރިކޯޑެކެވެ.

މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ތިލަމާލެ ބްރިޖު މަޝްރޫއު އާއި ގުޅީފަޅުގައި ހެދުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ބަނދަރު ފުރިހަމަވުމާ އެކު، މިއަދަދު ދެ ގުނަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އަމީރު ވިދާޅުވީ މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެ އަށް ކުރިމަތިވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑު ވަޅުގަނޑަކަށް ވެއްޓުނު ކަމަށެވެ. މި ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރި އެއް ގައުމަަށް ރާއްޖެ ވާ އިރު، އެ ހާލަތުން އަރައިގަނެވެމުން ދަނީ ސަރުކާރުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ކޮވިޑްގެ މި ހާލަތާއެކު، ޕްލޭންކޮށްފައި ހުރި ކަންކަމަށް ބަދަލުތަކެއް ގެނައިކަމުގައި ވީނަމަވެސް ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުގައި ތަރައްގީކުރުމަށް ސަރުކާރުން އަމާޒު ހިފި 5 ޓާޝަރީ ހޮސްޕިޓަލް މިހާރު ނިމުމަކާ ގާތަށް އައިސްފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ފެނާއި ނަރުދަމާ އަދި ބަނދަރުގެ މަސައްކަތް ވެސް ސަރުކާރުން ޕްލޭންކުރި ގޮތަށް ކުރަމުން އަންނަކަމަށާއި، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ފެށި ޕްރޮގްރާމްގެ ނަތީޖާ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފެނިގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސާދު އަޑި ގަނޑަކުން އަރައިގަންނަން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ވެސް ސަރުކާރުން މަޝްރޫއުތައް ހިންގަމުން މި އަންނަނީ މި މަޝްރޫއުތަކީ ރައްޔިތުންނާ ގުޅުންހުރި މަޝްރޫތަކަށްވާތީ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިގްތިސޯދު ކުރިއަށްދާނީ މި މަޝްރޫތަކުން ކަމަށެވެ.

އަމީރު ވިދާޅުވީ ތިލަމާލެ މަޝްރޫއާއެކު ގުޅީފަޅުގައި އަޅާ ބައިނަލްއަގުވާމީ ބަނދަރުގައި ހިނގާ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ. އަދި ބްރިޖުގެ ސަބަބުން މާލެ ތޮއްޖެހިފައި އޮތް އޮތުމަށް ލުޔެއް ލިބޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ފަންޑު ކުރާ މި މަޝްރޫއާއެކު މާލެ ސަރަހައްދާއި ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި މާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި ގުޅިފައި ނެތުމުން ދިމާވާ ގޮންޖެހުންތަކަށް ނިމުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސައްލޭ

    ދޮގު ހަދާ މީހެއް

    22
    1
  2. ހުސޭނުބޭ

    އެހެންވެ ދޯ ދަރުމަވަންތަ ހޮސްޕިޓަލާ، އޮލިންޕަހާ، ވެލާނާގެ ރަހުނުކޮށްގެންވެސް ފޫގޮޅިފޮތީގައި އުޅެން މިޖެހެނީ!

    24
    1
  3. ބުއްޅަބޭ

    އެކަމަކު އެއީ ކަަލޭމެންގެ ވެ ރިކަމަކު ނޫން!

    17
    1
  4. ސަރީ

    ވަރަށް މާނަފުން ބަހެއް!!އެބުނަނީ ކުރިޔަށް އޮތް ދިހައަހަރު ތެރޭ ރާއްޖޭގެ ބަޖެޓަކީ އިންޑިޔާ ބަޖެޓް!!

    19
    1
  5. ކެޔޮޅު

    ތިޔަހާ ފުދުންތެރިކަން ސަރުކާރުގެ ހުރިއިރު ކީއްވެތަ ހިޔާފުލެޓެ ވެރިން ތިޔަ ގަންހިންގަނީ؟

  6. އެކަމަކުދޯ

    ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ ހިޔާފުލެޓްލިބުނު ތިރީހަކައްހާސް ރައްޔިޔުންނައް ޖެއްސުމެއް ނުކުރީސް!

  7. ބިލިއަން

    10ބިލިޔަން ޑޮލަރައް ބަދަލުވާނީ ޖީޑީޕީ އެއްނޫން 10 ބިލިޔަން ޑޮލަރައް އަރާނީ ދަރަނި. އޮޅިގެން ބުނެވުނު ބަހެއްދޯ.

  8. އަބްދޫ

    ކޯންޗެއް ތިޔަކިޔަނީ ކުރިޔަށް އޮ ތް އަހަރު ތަކުގަ 100ބިލިއަނަށްވެސް އަރާފާނެ. ނުވަންޏާ ދުރަށް ޖެހިލައްވާ ދެކޮޅު ނުޖެހޭ ވާހަކަ ނުދައްކާ.