މާލެ، ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިދޭ ތިލަމާލެ ބުރިޖުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާވެ، މާލޭގެ ތޮއްޖެހުމަށް ލުޔެއް ލިބިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އެނގިފައިވާ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ދިވެހި ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާއެވެ. އެފްކޮންއަކީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުންޏަކީ އިންޑިއާ އާއި އެހެން ބައެއް ސަރަހައްދުތަކުގެ ބްރިޖުތައް ވެސް ހަދާފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ.

ތިލަމާލެ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަމީރު ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި އަސާސީ ޚިދުމަތްތަކަށް އިންވެސްޓްކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތު ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖޭގެ ސަރުކާރުން މަޝްރޫއުތައް ހިންގަން ދީ އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި ކަން އަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން ބަނދަރުތައް ހެދުމާއި، ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރު އަމީރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

"މާލެ ކަނެކްޓިވިޓީ ބްރިޖު" އެޅުމުގެ މަޝްރޫއަކީ މާލޭ ސަރަޙައްދާއި މުޅި ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ އުއްމީދީ މަޝްރޫއެއް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އަދި މި މަޝްރޫއު ނިމުމުން އިގްތިސާދަށް ބޮޑު ދިރުމެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ލުޔަށް ވާނީ، މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލު ލިބުން ކަމަށާއި ބްރިޖުގެ ސަބަބުން މާލެ ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅާ ދެމެދުގައި، ދަތުރުކުރުމުގެ ދަތިތަކަށް ހައްލު ލިބި ދަތުރުފަތުރުގެ ނިޒާމު ވެސް ހަރުދަނާ ވާނެ ކަމަށް ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި، ކޮމާޝަލް ބަނދަރުން ޚިދުމަތް ހޯދުމަށް ވެސް ލުއި ލިބިގެން ގޮސް ރާއްޖޭގެ އިގްތިސާދަށް އެކަށީގެންވާ ރަނގަޅު ބަދަލެއް އަންނަތަން ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ބްރިޖާއެކު މާލެއާއި ވިލިމާލެއާއި ތިލަފުށި އަދި ގުޅީފަޅުގެ ކަނެކްޓިވިޓީ ވަރުގަދަވެ، ބައިނަލްއަގްވާމީ ޕޯޓު ގުޅީފަޅަލަށް ބަދަލުކުރުމުގެ މަޝްރޫއުގެ ހަގީގީ މަންފާ ލިބިގެންދާނެ. މި ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކުރާ ޚަރަދުވެސް ބޮޑުތަނުން ކުޑަކުރެވޭނެ. މާލޭ ސަރަޙައްދުގެ ތޮއްޖެހުމަށްވެސް ހައްލެއް ލިބިގެންދާނެ. ސިނާޢީ ތަންތަން ގުޅީފަޅާއި ތިލަފުއްޓަށް ބަދަލުކުރެވުމުން" އަމީރު ވިދާޅުވިއެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިއުލާންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލުމަށް ހިންގާ ބޮޑު މަޝްރޫއެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި މި މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ތަރައްގީ ކުރާ ގުޅީފަޅު ޕޯޓުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށް ކޮންމެހެން މުހިންމު ބްރިޖު އަދި ކޯޒްވޭއެކެވެ.

މި މަޝްރޫއުގައި ހިމެނޭ ކޮންމެ ރަށެއްގެ ދޭތެރޭގައިވާ ކަނޑުއޮޅިތަކުގައި 140 މީޓަރުގެ ނެވިގޭޝަން ބްރިޖަކާއި ފުން ކަނޑުގައި 1.41 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓަކާއި ތިލަ ކަނޑު އަދި އެއްގަމުގައި 2.23 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި 2.96 ކިލޯމީޓަރުގެ އެޑް ގްރޭޑް މަގުތައް ބިނާ ކުރެވޭނެއެވެ. އަދި މާލެ އާއި ވިލިމާލެ ގުޅޭ ސަރަހައްދުތަކުގައި ސިގްނަލައިޒްޑް ޖަންކްޝަންތަކާއި، ގުޅީފަޅު އަދި ތިލަފުށީގައި ރައުންޑްއަބައުޓްތައް ހިމެނޭނެއެވެ. އަދި ކޮންމެ ރަށެއްގައި ވެސް މެއިންލައިން އާއި ގާތް ޖަންކްޝަން ތަކުގައި ބަސް ޓާމިނަލްތައް ގާއިމްކުރެވޭނެއެވެ.

މި މަޝްރޫއުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރެވޭނެއެވެ. އެގޮތުން މަގު ބައްތި، ނެވިގޭޝަން ލައިޓިން، ޑެކް ސެލްޓް ލައިޓިން، ސީސީޓީވީ އަދި ސައިން ގެންޓްރީ ލައިޓިންގެ އިތުރުން އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް އިރުގެ ހަކަތަ ބޭނުން ކުރާނެއެވެ. އަދި ލޭމްޕް ޕޯސްޓްތަކުގެ މަތީގައި އަދި ބްރިޖުގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ވެސް ހަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލަން ހަމަަޖައްސާފައި އޮތީ ތިން ބްރިޖުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮވިޑް

    ތި ނަނާ ހުވަފެން ބަލަން މިއަދު ދިވެހިން ފޫހި ވެއްޖެ އަމީރު. މިއަދު ދިވެހިން ބޭނުންވަނީ ކަންކޮށްފަ އޭގެ ވާހަކަ ދައްކާނެ ސަރުކާރެއް.ކޮބާތަ އަންނި ދެއްކި ފްލޯޓިން އައިލެޑް؟ ކޮބާތަ އެމްޑީޕީ ސަރުކާރުން ޕްރޮމޯޓް ކުރި ފްލެޓް ދޮންބެ ގެ ފްލެޓްތަށް؟ ބަސް މަދު ކޮށް އަމަލުން ކަންކަން ދައްކާފަ އެވާހަކަ ދައްކަބަލަ ހެޔޮނުވާނެ؟

    28
    1
    • ދީދީ

      ތި ބުރިޖް ގެ ފެންވަރު ފެނޭ ... 3ޑީ ހަދަން ވެސް ނޭގުނު

      20
      2
  2. އިބްރީމް މުހައްމުދު ސޯލިހާ

    ތޮއްޖެހުމަށް ލުޔެއް ލިބޭނީ ތިޔަތަން ނިމިގިގެން ނޫން

    18
  3. ހުސޭނުބޭ

    ބަލަގަ އޭރުން މާލެޔަށް ބާރު ބޮޑެއްނު ވާނީ! މާލެ ތޮއްޖެހުން ކުޑަކުރަން މާލޭގައި ބުރިޖެއްނޫން އަޅާނީ! ރާއްޖެތެރެއިން މާލެޔާ އެއްފެންވަރަށް ތަޢުލީމާއި ސިއްހީ ޚިދުމަތްތައް އަދި ވިޔަފާރީގެ ފުރުސަތު ހޯދާދޭންވީ

    24
  4. Anonymous

    ހުވަފެނުގައި ހައްލު ލިބެންޏާ ލިބެންވީ،

    22
    1
  5. ގުޅިފަޅު

    ގުޅިފަޅުން ގޯތިދީބަލަ ފްލެޓްއަޅާބަލަ

    15
  6. Anonymous

    މާލޭގެ ތޮއްޖެހުމަކައް ލުޔެއް ނުލިބޭނެ މާލެވަށާ ބުރިޖުތައް އެޅިޔަސް.

  7. ޝަހުދާން

    އަހަރެމެން ބަލަން މިތިބީ 22 ހުގަ ވެސް ތިޔަ ބުރިޖުގެ ލަކުނެއްހާ ހިސާބު ފެނިއްޖެއިޔާވެސް ހަމަ ރަނގަޅު. އިންޑިޔާ ބަޔަކައް ޑީޕްސީ ބުރިޖެއް އަދި މިހާތަނަކައް އެޅިފަކާއެއް ނެތް ހިނދު އަދި ދުވަހަކުވެސް ބޭރުގައުމެއްގައި މިވެރިން މިފަދަ ބުރިޖެެއް އަޅާފަކާއެއް ތާރީޚަކުން ފެންނާކަށެއް ނެތް ހިނދު ތި ކަންކުރަން އިންޑިޔާއަށް ކޮންޓުރެކްޓު ދިނުމަކީ ޖައްވައްދާ ރޮކެޓެއް ހަދަން ރާއްޖޭގައި ލަކުޑި ދޯނި ބަންނަ މާވަޑިޔަކާއި ހަވާލު ކުރުންކަހަލަ ކަމެއް.

  8. ބުއްޅބޭ

    ތޮއްޖެހުމުގެ ވާހަކަޔަކީ މައުމޫނު ވިލިގިލި އާބާދު ކުރިއިރު ވިދާޅުވި އެއްޗެއް. ހުލުމާލެ ވެސް ތޮއްޖެހުން ކުޑަކުރަން. އެއްވެސް ބަދަލެއް މިއަދާހަމަޔަށް ފެނުނުތަ؟ ތޮއްޖެހުން ކުޑަކުރެވުނުތަ؟

  9. ކޮސް

    ދައްކަވާ ވަހަކަ ރަނގަޅޭ... އެއްވެސް ކަމެއް ހަގީގަތަކަށް ނުވާތީ ކަމުނުދަނީ. ރާއްޖެތެރެ ރަށްތައް ވެސް ތަރައްގީކޮށް ހިދުމަތްތައް ފުޅާކޮށް ވަޒީފާގެ ފުރުސަތު އިތުރުކޮށް ގައުމު ހިންގާލަބަނިކަން. މިހާރު ވޯޓެއްވެސް ލިބޭނީ ވަރަށް ކަންކަން ކުރެވިގެން. ރ. ޔާމީންވެސް އެ ހުރިހާކަމެއް ކުރީމަވެސް ނުލިބުނު ދެވަނަ ދައުރެއް. ބޭނުންވާނީ ބަދަލެއް. މިދައުރު ނިމޭއިރު ވޯޓުގަ ވަރަށް ލަދުގަންކަހަލަ މަންޒަރެއް ފެނުން އެކަށީގެންވޭ އަދި މި ފެންނަ މަންޒަރުތަކުން.

  10. ޑަބަލް ޗެކްކޮށްލައްވާ

    "ތި ބުރިޖް ގެ ފެންވަރު ފެނޭ ... 3ޑީ ހަދަން ވެސް ނޭގުނު " 3ޑީ ކާރުތަކާއި ހޮޅިތައްވެސް އެބަފެނޭ

  11. Anonymous

    ސިނަމާލެ ބުރިޖު އަޅައިގެން މާލޭ އޮތީ އިތުރަށް ތޮއްޖެހިފަ... ތިޔަ ބުރިޖަކުން މާލެ ބަންޑުން ކަންނޭނގެ ދާނީ

  12. އަހަރެން

    ތޮއްޖެހުން ކުޑަވާނީ އެހެން ސަރަހައްދުތައް ތަރައްޤީ ކުރެވިގެން. ނަމުން ލާމަރުކަޒީ، އަމަލުން މަރުކަޒީ ކުރާތަން ފެންނަނީ. ތިމަސައްކަތް ނިމުނީމަ މާލޭ ސަރަހައްދުގައި މީހުން ގިނަވާނީ.