މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އެނބުރި ތިނެއް ޖަހާކަށް ހާއިރު މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގު ބޯޓު، އެމް.ވީ. ނަވިއޯސް އަމާރީލިސް ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އޮތްކަން ހާމަވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެންވައިރޮމެންޓް މިނިސްޓްރީގައި ކަމާއި ބެހޭ އިދާރާތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ގަނީ ވަނީ އެ ބޯޓުފަރަށް އަރާފައިވަނީ އިންޖީނު ނިވާލުމާ ގުޅިގެން ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު ވާކަމަށް އޭނާ ވިދާޅުވިއެވެ

އަދި ބޯޓު ސަލާމަތް ކުރުމަށް ބޯޓުގެ ކެޕްޓަން ކުރަން ޖެހޭ ކަންކަން ކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ލިބިފައިވާ މައުލޫމާތަށް ބިނާ ކުރާ ނަމަ ބޯޓުގެ އިންޖީންގެ ޔުނިޓް ތިނެއްގެ ޓެމްޕަރޭޗާ މަތިވުމުން އިންޖީން ނިއްވާލުމުގެ ސަބަބުން އުޅަނދު ޑްރިފްޓް ވެގެން ފަރަށް އަރާފައިވަނީ" އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފް އިން ވަނީ ބޯޓަށް އެއްވެސް މައްސަލަ އެއް ދިމާވިކަން ވެސް އަދި ބޯޓު ފަރަށް އެރިކަން ވެސް ބޯޓުގެ ފަރާތުން ރިޕޯޓްކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެހީ އަށް ވެސް އެދިފައި ނުވާކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

އޯގަސްޓް 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް ބޯޓެއް އަރާފައިވާ ހާދިސާއާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން މި އުޅަނދު ސެލްވޭޖުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އަދި އެ ބޯޓަށް ރާއްޖެ އިން ފުރޭނީ ފަރަށް ލިބިފައިވާ ގެއްލުންތައް އެނގުމުން ކަމަށާއި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ވުޒާރާ އިން ވިދާޅުވެއެވެ.

މި އުޅަނދަކީ އިންޑިޔާގެ ޓުޓުކޮރިންގ ބަދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މި ބޯޓުގައި އެއްވެސް ކާގޯއެއް ނެތެވެ.