މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އެނބުރި ތިނެއް ޖަހާކަށް ހާއިރު މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގު ބޯޓު، އެމް.ވީ. ނަވިއޯސް އަމާރީލިސް ފަރަށް އެރި ހާދިސާ އާއި ގުޅިގެން އެ ބޯޓު ފުރުން މަނާކޮށްފައިވާ ކަމަށާއި، ބޯޓާއި، ބޯޓުގެ ފަޅުވެރިންނަށް ފުރޭނީ ހާދިސާ އިން ލިބުނު ގެއްލުން އެނގުމުން ކަމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެ ހާދިސާ އާއި ގުޅޭ އަދާހަމަތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ރިއްފަތު ނައީމް ވިދާޅުވީ އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުން ދެނެގަނެވޭނީ ބޯޓު ސެލްވޭޖް ކުރުމުގެ މަސައްކަތް ނިމުމުން ކަމަށެވެ. ބޯޓު ރީފްލޯޓްކުރުމުގެ މަސައްކަތް ފަށާނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށާއި އޭގެ ކުރިން ބޯޓުގައި ހުރި ތެޔޮ ސަލާމަތް ކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބޯޓު ސެލްވޭޖްކުރުމުގެ ކުރިން ބޯޓުގައި ހުރި ތެޔޮ ބޯޓުގެ މަތީ ޓޭންކުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހާދިސާގެ ސަބަބުން ފަރަށާއި އެހެނިހެން ގޮތުން ލިބުނު ގެއްލުމުގެ ތަފްސީލް އެނގޭނީ ބޯޓު ސެލްވޭޖްކުރުމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް އައި އިރު މި ހާދިސާ އާއި ގުޅިގެން ކަނޑަށް ތެޔޮ އެޅުމުގެ ހާދިސާ އެއް ހިނގާފާނެ ކަމަށް ނުބެލެވުނު ނަމަވެސް އެފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ބޯޓުގެ ވެރިފަރާތުން ކަމާއި ބެހޭ އިދާރާތަކަށް އެއްބާރުލުންދެމުންދާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

" އޮއިލް ސްޕިލް އެއް ދިމާވެދާނެ ކަމަށް ދުބާއި އާއި މޮރިޝަސް އިން ގެންނަން ޖެހޭ އެއްޗެހި ވަނީ ގެނެސްފައި. ރާއްޖެއިން ބޭރުން ގެންނަން ޖެހޭ އެއްޗެހި މިއަދުގެ ނިޔަލަށް ގެނެސްފައި ވަނީ. ބޯޓް ރީފްލޯޓްކުރުމުގެ މަސައްކަތް ފެށޭނީ ސެޕްޓެމްބަރު 1ގައި. ރާއްޖެއިން ބޭރުން ދެ ޓަގް ގެނެސްފިން. މިތިބީ ތައްޔާރަށް." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސެލްވޭޖް އޮޕަރޭޝަން ނުފަށާ ތިބީ ބޯޓުގައި ހުރި ސާމާނު ސަލާމަތް ކުރަން މަސައްކަތްކުރުމަށް ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ގަނީ ވަނީ އެ ބޯޓުފަރަށް އަރާފައިވަނީ އިންޖީނު ނިވާލުމާ ގުޅިގެން ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު ވާކަމަށް ވިދާޅުވެފައިވެއެވެެ.

އަދި ބޯޓު ސަލާމަތް ކުރުމަށް ބޯޓުގެ ކެޕްޓަން ކުރަން ޖެހޭ ކަންކަން ކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށާއި ބޯޓަށް އެއްވެސް މައްސަލަ އެއް ދިމާވިކަން ވެސް އަދި ބޯޓު ފަރަށް އެރިކަން ވެސް ބޯޓުގެ ފަރާތުން ރިޕޯޓްކޮށްފައި ނުވާ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

އޯގަސްޓް 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް ބޯޓެއް އަރާފައިވާ ހާދިސާއާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން މި އުޅަނދު ސެލްވޭޖުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

އަދި އެ ބޯޓަށް ރާއްޖެ އިން ފުރޭނީ ފަރަށް ލިބިފައިވާ ގެއްލުންތައް އެނގުމުން ކަމަށާއި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ވުޒާރާ އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މާޟީ

  ކަޓެއްދިނީ ފުރުނީ...

 2. ސސ

  ﷲ ބޯޓަށް ރައްކާތެރިކަން ދެއްވައި ބޯޓް ފުން ކުރުމުގެ ހެޔު ތައުފީޤް އަޅަމެނަށް ދެއްވައި، އަޅަމެންގެ ފަރުތަކާއި ފަޅުތަކާއި ގިރިތަށް ވެސް އާގުބޯޓް ފަހަރުގެ ނުރައްކަލުން ސަލާމަތް ކުރައްވާށި !

 3. ނާޅި

  އާގުބޯޓްގެ އިންޖީނު ހުއްޓި ބޯޓް ފަރަން އެރި އުރުނު އިރު ބޯޓްގެ ކެޕްޓަން އާއި ފަޅުވެރިން ތިބީ ނިދާފައިބާ، ބޯޓް ތިލަ ހިސާބަކަށް ދާއިރު ރާޑަރަށްވެސް އަރާނެ އަދި އެލާމް އަޅާނެ ކެމެރާއިން ފޮޓޯ ނަގާފަ އިމެޖެންސީ ސިސްޓަމުން ދައްކާނެ ވީއިރު އިމެޖެންސީ އިންޖީނު ނުޖެއްސުނީ ކީއްވެބާ ؟

 4. ލޫޓުވާ

  ސަރުކާރުމިއޮތީ ލާރިކޮޅަކަށް ބޭނުންވެފަ. ކޮންމެވެސް މިނިސްޓަރަކު މިފަހަރު ަހުޖަނަކަށް ވާނެ. އީޕީއަށްވެސް އެތިކޮޅެއްދީނީމަފުރުނީ. ވަރަށް ސަޅިވާނެ ރާއްޖޭގެ ކަންކަން.