"އެއީ ހަމަ ކުއްލިއަކަށް ހިނގި ކަމެއް. ބާރުގަދަ އަޑަކާ އެކުގައި ހުޅު ވެސް ހިފީ ކުއްލިއަކަށް. ބޮޑު އަލިފާނުގެ ހާދިސާއެއް ނުހިނގާ އެތައް ބަޔަކު ސަލާމަތްވި ކަން އެއީ ހަމަ ނަސީބު، އެހެން ނޫން ނަމަ ކައިރި ފްލެޓުތައް ވެސް ދިޔައީސް" ހުޅުމާލެ ބޮމްބޭ ދަރުބާރު ރެސްޓޯރަންޓު ކައިރީގައި ހުންނަ 145 ވަނަ ފްލެޓުގައި ދިރިއުޅޭ އަބްދުއްރަހްމާން އަލީ 49، ކޮނޑުގައި އަތް އަޅާލައިގެން ހުރެ ވާހަކަ ފުރަތަމަ ފެށީ މިގޮތަށެވެ.

އަބްދުއްރަހްމާން މިރޭ މަގްރިބް ނަމާދުކޮށްލައިގެން އައިސް ސިޓިން ރޫމްގައި ހުރި ސޯފާގައި ޓީވީ ބަލަން އިށީނދެލައިގެން އިނދެވުނީ ދެ ތިން މިނެޓަށެވެ. އެ ފްލެޓާ ޖެހިގެން ހުރި 147 ފްލެޓުން ބާރުގަދަ އަޑެއް އިވި، މީހުންތައް ހަޅޭއްލަވަން ފެށުމުން ޓީޝާޓު ގަނޑެއް ލައިގެން އަވަހަށް ނުކުތީ ބޭރަށެވެ. އޭރު ކަމަކު ދާކަށް ނެތެވެ. އޭރު 147 ވަނަ ފްލެޓުތަކުގައި ތިބި މީހުން ސިޑިން ފައިބަނީއެވެ. އެ ތަނުން ފްލެޓެއްގައި ހުރީ އަލިފާން ރޯވެފައެވެ.

"147 ވަނަ ފްލެޓުގެ ދެ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ރޯވެފައި ހުރީ. އަލިފާން ގަނޑު ބޭރަށް ހަމަ ނުކުމެފައި ހުރީ. ފުރަތަމަ ރޯވެފައި ވަނީ ދެ ވަނަ ފަންގިފިލާގައި ހުންނަ ދެ އެޕާޓްމަންޓްގެ ތެރެއިން މަގާއި ގާތަށް ހުރި އެޕާޓްމަންޓުގައި. އެ އެޕާޓްމަންޓްގެ ބިށްްދޮށުގައި ހުރި ކޮޓަރިއެއްގައި ރޯވީ،" އެމީހާ ކިޔައި ދިނެވެ.

އަބްދުއްރަހްމާން ކިޔައި ދިން ގޮތުގައި ފުރަތަމަ އަލިފާން ރޯވުމާއި އެކު، ފުލުހުން އައިސް އަލިފާން ނިއްވާ ފުޅިން އަލިފާން ގަނޑު ނިއްވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، ފުލުހުންނަށް ކޮންޓްރޯލްވާ ވަރަށް ވުރެ ބޮޑަށް ހުޅުގަނޑު ދިޔައީ ބޮޑުވަމުންނެވެ.

"އޭރު އެންމެންތައް ސިޑިން ބާލުވައިފި އެ ފްލެޓުގައި އުޅޭ. އެ ފްލެޓުގެ އަށް އެޕާޓްމަންޓްގައި ތިބޭ މީހުން ވެސް ބޭލުވީ ނެރުނީ ވަރަށް އަވަހަށް. ނަސީބަކުން އެއްވެސް މީހަކު ނުފިހުނީ އާންމުންނާއި ފުލުހުންނާ ކުރި މަސައްކަތުން. ފުލުހުން ވަރަށް މަސައްކަތް ކުރި އަލިފާން ގަނޑު ކޮންޓްރޯލް ކުރަން،" އަބްދުއްރަހްމާން ކިޔައި ދިނެވެ.

އަލިފާން ރޯވިތާ މާ ގިނަ އިރުތަކެއް ނުވެ އެމްއެންޑީއެފްގެ ފަޔަ ލޮރީތައް އެ ސަރަހައްދަށް ޖަމާވާން ފެށިއެވެ. އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ތިން ފަޔަ ލޮރީއެއް އެ ސަރަހައްދަށް އައިސްފައި އޮތެވެ. އެމީހުން އެ ސަރަހައްދަށް އަންނަން ވެސް މާ ގިނަ ވަގުތެއް ނުނަގައެވެ.

"ސިފައިން ހަގީގަތުގައި ވަރަށް އަވަހަށް އައީ. އަލިފާން ގަނޑު ކޮންޓްރޯލް ކުރީ ސިފައިންގެ ސަބަބުންނޭ ބުންޏަސް ދޮގަކަށް ނުވާނެ. އެހެން ނޫން ނަމަ، ކައިރި ފްލެޓުތަކަށް ވެސް އަލިފާނުގެ އަސަރުކޮށްގެން ބޮޑު ހާދިސާއެއް ހިނގަން މެދުވެރިވީސް،" އަބްދުއްރަހްމާން ކިޔައި ދިނެވެ.

އަލިފާނުގެ ހާދިސާގައި 147 ވަނަ ފްލެޓުގެ ދެ ވަނަ ފަންގިފިލާގައި ހުރި ފްލެޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އެގޮތުން އެ ފްލެޓުގެ ކޮޓަރިތައް އެއްކޮށް އަނދައި އަޅިއަށްވި އިރު، ސިޓިން ރޫމަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މީގެއިތުރުން އަލިފާން ރޯވި އެޕާޓްމެންޓުގެ އިތުރުން އިންވެގެން ހުރި އެޕާޓްމެންޓާއި ތިން ވަނަ ފަންގިފިލާގެ ދެ އެޕާޓްމެންޓުގައިވެސް ރޯވެ ގެއްލުންތައް ލިބިފައިވެއެވެ. މިހާތަނަށް އައިއިރު އަލިފާން ރޯވި ސަބަބެއް ހޯދިފައެއް ނުވެއެވެ.

އަދި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެކަމަކު، ދުމުގެ އަސަރުކޮށްގެން މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"ވަގުތު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ސަރަަހައްދުގައި އަލިފާން ގަނޑު ކޮންޓްރޯލް ކުރަމުން ދިޔަ އިރު ރަބަރު އަނދާ ވަހެއް ދުވި ކަމަށެވެ. އެކަމަކު، މިހާތަނަށް އައިއިރު، އަލިފާން ރޯވި ސަބަބެއް އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމާ ގުޅިގެން 147 ފްލެޓުގެ ބައެއް އެޕާޓްމަންޓުތަކަށް ވަނުމުގެ ހުއްދަ ފުލުހުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރައްދު

  ހުޅުމާލެޔާއި އަދި މާލޭގަ މިހިރަ ބޮޑެތި ފުލެޓުގައި ކޮންމެ ފުލޯއެއްގައި ފަޔަ ބޮކްސެއް ބަހައްޓާފަ ހުއްޓަސް ކަމަކުނުދާނެ އެއިން އަބަދުވެސް ފެންލިބޭގޮތް ހަދާފަ ބެހެއްޓުން ވަރައްމުހިންމު އަލިފާން ރޯވިޔަސް އެފުލޯއެއްގެ ބަޔަކު ސިފައިން އަންނަން ދެން ފެންޖެހޭނެދޯ ޔައުނީ ފެންޖަހާ ކޮންމެސް ވަރަކަށް އަލިފާން ކޮންޓުރޯލް ކުރެވޭނެ އަދި ސިފައިން އަލިފާން ނިއްވަން ފުރަތަމަ އަންނާނީ ދިހަލީޓަރު ފެން ހިފާގެން !!!!!

  4
  3
  • އެއްކަލަ މީހާ

   ތހިހިރީ މާބޮޑަށް އެނގިފައި... ތިޔަ ޖެހި ހިސާބު ދިމައެއްނުވޭ، އަލުން ދިރާސާކުރަން ފެނޭ.🤧😂

 2. ޢަބްދު

  ހިޔާ ފްލެޓެއްގަ ރޯވެއްޖެޔާ ކިހިނެ ބާ ވާނީ 🙁

  5
  1
  • ހަސަނު

   ހިޔާފުލެޓެއްގައި ރޯވިއަސް އަދި އެހެން ފުލެޓެއްގައި ރޯވިއަސް އަލިފާންގަނޑު ނިއްވާލަވެންދެން އަނދަމުންދާނެ.

 3. އަމީތާބު

  ތިވާނީ މިއުޅޭ ލާދީނީ މީހުންގެ ކަމަކަށް

 4. ﷲބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

  ހިޔާވި އަސް ކޮންމެތަނެ އްވި އަސް އަލިފާނެ އްނުބަލާނެ ވަކިމީހަކަށް ފުލެޓަކަށް ރަ އްކާތެރިކަމަކީ ހުރިހާއ އެންމެންގެވެސް ޒިންމާ އެ އް

 5. ފަރީދާ

  ރޯވީ ކީއްވެ ކަމެއް ނޭނގެންވީ ކީއްވެ؟ މި ސިފައިން ބުނެގެން ލިޔެފައޮއް ހަބަރެއްތަ!