ހދ.ފިނޭ ފަޅުތެރެއަށް ކޯމަސްތަކެއް ވަދެ އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެ އާއްމުންގެ ބޮޑު ސަމާލުކަމެއް އެ ވީޑިއޯ އަށް ލިބިއްޖެއެވެ.

އެ ވީޑިއޯ އަކީ މުހައްމަދު އައުޒަމް އޭނާގެ މީސްމީޑިއާގައި ހިއްސާ ކުރި ވީޑިއޯއެކެވެ. އޭނާ އާއްމު ކުރި ވީޑިއޯކޮޅުގައި ބުނެފައި ވަނީ ފިނޭ ބަނދަރު ސަރަހައްދުގައި އުޅުނު ރީތި ދެ ކޯމަސް އޭނާ އަށް ފެނިފައިވާ ކަމަށެވެ. މިވީޑިއޯ އަކީ އިއްޔެގެ ވަގުތެއްގައި ނަގާފައިވާ ވީޑިއޯއެކެވެ. އެ ދެ ކޯމަސް ބަނދަރަށް ވަތް ކަމަށް ބެލެވެނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.

'"ދޭތި ވަދެ އުޅުނީ. އެގަޑީ ބަނދަރުގައި އުޅުނު. ކޯމަހެއްގައި އުޅޭނެ ފަސް ފޫޓު ވަރު. އަސްލު ވާގޮތަކީ އެ އެއްޗިއްސަށް އޮޅިގެން ވަދެވުނީ. ވަދެވުނީމަ އެ އެއްޗެއްސަކަށް ނޭނގެ ނުކުންނަވީ ކޮޅެއް. އެގަޑީގައި ވަރަށް ދިޔަ ތިލަ ވެފައި އޮތީވެސް. އަހަރުމެން ފުރަތަމަ ހީކުރީ އެ އެއްޗެހި ނުކުތް ކަމަށް. މައްޗަށް އެ އެއްޗެހި އަރާ ފުންމަން ފެށީމަ ފެނޭ އެކަމަކު." އޭނާ ބުންޏެވެ.

އެ ކޯމަސްތައް ފެނުނު މީހުން ސިފަކޮށްދިން ގޮތަށް ބަލާއިރު އެކި މީހުން އޭގެ ބޮޑުމިން ސިފަކޮށްދިން ގޮތް ތަފާތެވެ. އެ ކޯމަސްތަކުގެ ވީޑިއޯ މީސްމީޑިއާގައި ހިއްސާކުރި އަހުމަދު ޝައުގަތު ކިޔާ މީހަކު ބުނިގޮތުގައި އޭނާ އަށް ކޯމަސްތައް ފެނުނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

"އިއްޔެ ގާތްގަނޑަކަށް ބުނާ ނަމަ 3:21 ހާއިރު އަޅުގަނޑަށް ފެނުނީ. އެއީ ސީދާ ވަތް ގަޑި އެއް ނޫން. އާއްމުން ވެސް ތިބި އެގަޑީގައި. އެހާ ބައިވަރު މީހުންނެއް ނެތް އެގަޑީގައި. އެގަޑީގައި ބޮޑު ބާޖެއް ނުކުންނާތީ އެ އެއްޗެހި އެގަޑީގައި ނުކުތީ. ވަތް ގަޑި އެއް ސީދާ ނޭނގެ. ފެނުނު އިރު ތިބީ ވަންނަތާ ކައިރީގައި. ދޭތި އޮތީ. އަޅުގަނޑަށް ހީވަނީ. " އޭނާ ވިދާޅުވިއެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހަސަން އިސްމާއިލް "ވަގުތަށް" ވިދާޅުވި ގޮތުގައި ދޭތެރެ ދޭތެރެއިން ފިނޭ ފަޅު ތެރެއިން ކޯމަސް ފެނެއެވެ. އެގޮތުން ބައެއް ފަހަރު ފަސް ކޯމަސް ވެސް އެއްފަހަރާ ފަޅުތެރެ އަށް ވަދެ އުޅޭ މަންޒަރު ފެންނަ ކަމަށާއި އެއީ މޫސުމީ ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

" ދޭތެރެ ދޭތެރެއިން މިހާރު ފެނޭ. މޫސުމީ ކަމެއް ކަމަށް އަޅުގަނޑަށް ފެނޭ. ކުރިން ދުވަހެއްގައި ވެސް ދުށިން. ބައެއް ފަހަރު އުޅޭ ފަހެތިވެސް. އެއީ ތަންކޮޅެއް ކުރިން. މިހާރު އުޅެނީ ދޭތިވަރު." އޭނާ ވިދާޅުވިއެވެ.

ފިނޭގެ ބަނދަރު އޮންނަނީ އެ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާއި ތަންކޮޅެއް ދުރުގައެވެ. ނަމަވެސް ފަޅުތެރެއަށް ކޯމަސް ވަދެގެން އުޅޭ ކަމުގެ ޚަބަރު ލިބިއްޖެ ނަމަ ރަށުގެ ކުދި ބޮޑު މީހުން އެ މަންޒަރު ބަލާލަން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަފްޣާނީ

    ހުވަދޫ ކަނޑުން އޮޔާ ދިޔަ ލަކުޑި ގަނޑެއް ފެނިއްޖެ.. ކަލޭމެންވާނެ މިކަމަށް ޚަބަރެއް ލިޔަން..

    19
    1