ށ.ފީވަކުގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ކުރިއަށްގެންދަނީ އެމްޑަބްލިޔުއެސްސީންނެވެ.

އެ ކުންފުނުން ހާމަކޮށްފައިވާގޮތުގައި، އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތަކެވެ. އަދި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ގެންގޮސްފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މި މަޝްރޫއުގެ ދަށުން ފީވަކުގައި 9.17 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނޭ ކަމަށެވެ.

އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މިއާއެކު، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ފީވަކުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުއަކީ ޕްލޭނިންގ މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ އަގަކީ ޖުމްލަ 49,603,418.19 މިލިއަން ދިވެހި ރުފިޔާ އެވެ.

450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަސް ހަވާލު ކުރި މިމަޝްރޫއުގެ މަސައްކަތް ނިމުމުން އެރަށު ރައްޔިތުންނަށް ރައްކާތެރި ސާފުބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކޮށްފައި ވެއެވެ.