އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ ޒުވާން ދަރުމަވެރިންނަށް އެ ހޮސްޕިޓަލްގެ މެނޭޖްމެންޓުން ނިކަމެތިކޮށް ހިތާކަމަށް ބުނެ، މަސައްކަތްތައް ހުއްޓާލަން ނިންމައިފިއެވެ.

މަތީ ސާނަވީ އިމްތިހާނަށްފަހު ކޮވިޑްގެ ވޭދަނަތައް ފެތުރުން ހުއްޓުވުމަށްޓަކައި، އެ ހޮސްޕިޓަލްގެ މުވައްޒަފުންނެކޭ އެއްފަދައިން މަސައްކަތް ކުރަމުންދާ މި ޒުވާނުންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް "ވަގުތު" އާއި ހިއްސާކޮށްފައިވެއެވެ.

އެ ޒުވާނުން ބުނާ ގޮތުގައި މިއަދާއި ހަމައަށް ދަރުމަވެރިންގެ ގޮތުގައި އެ ހޮސްޕިޓަލްގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާތާ މިހާރު 8 މަސްވީ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ހުށަހަޅައިގެން ދުވާލެއްގެ މައްޗަށް 12 -14 ގަޑިއިރު އެ ޒުވާނުން މަސައްކަތް ކޮށްފައި ވެއެވެ.

މި މަސައްލަތް އެންމެ ފުރަތަމަ ފެށީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށް އެމީހުން ބުނެއެވެ. އަދި ތިންމަސް ވާންދޭން ހޮސްޕިޓަލަށް ހިދުމަތް ކޮށްދިނުމަށްފަހު އާންމުދަނީ ލިބޭނެ މަސައްކަތަކަށް ނިކުތުމަށް ވިސްނާފައިވާނެކަން އެތަނުން ދަރުމަަވެރިއަކު ބުންޏެވެ. އެހެންނަމަވެސް ހާލަތު ގޯސްވުމުން، މިއަދާއި ހަމައަށް މަސައްކަތުގައި ދެމި ތިބީ ކަމަށް އޭނާ ބުންޏެވެ.

ދުވަހުގެ ބޮޑުބައެއް ހޮސްޕިޓަލްގައި ހޭދަކުރަމުން ދާއިރު މި ފަރާތްތަކުގެ ކެއުމުގެ ކަންކަން ހަމަޖައްސަނީ ހޮސްޕިޓަލުގެ ފަރާތުންނެވެ. އެންމެ ފުރަތަމަކޮޅު ކެއުން ރަނގަޅުވި ނަމަވެސް ފަހުން ކެއުމުގެ ކަންކަން "ވަރަށް ސަކަރާތް" ކަމަށާއި ފަހުން ކެއުން ހަމަޖެއްސި ރެސްޓޯރެންޓްގެ ކާއެއްޗެހި ކައިގެން ބަނޑު ސަކަރާތްވެ، ހޮޑުލެވުންފަދަ ކަނަކަން ވަރަށް ގިނަ ބަޔަކަށް ދިމާވަމުން އައި ކަމަށް ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރި ބައެއް ޒުވާނުން ބުނެފައި ވެއެވެ.

އެ ޝަކުވާތައް މެނޭޖްމެންޓްއާއި ހިއްސާކުރުމުންވެސް އެކަމަށް ހައްލެއް ހޯދާ ދީފައި ނުވާ ކަން އެމީހުން ފާހަގަކުރިއެވެ. އޭގެ ސަބަބުން މަސައްކަތުގައި ހޭދަކުރާ 14 ގަޑިއިރު ހުސްބަނޑާ ނުކައިވެސް ބައެއް ހިދުމަތްތެރިން ތިބެއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ގިނަ ދަރުމަވެރިން ބަލިވުމެވެ.

ދެން އެ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެގެން ދިޔައީ އެލަވެންސް ނުލިބުމުގެ މައްސަލައެވެ. ޕާސަނަލް ޕްރޮޓެކްޓިކް އިކުއިޕްމެންޓް (ޕީޕީއީ) އަޅައިގެން ކޮވިޑަށް ފައްސިވެފައިވާ މީހުންނަށްވެސް އެ ހިދުމަތްތެރިން ހިދުމަތް ދެމުން ގެންދިިޔައެވެ. ނަރުހުން ކުރާ މަސައްކަތްތައް ކުރަމުން ދިޔައެވެ. އޮކްސިޖަން ގުޅުމާއި ބަލިމީހުން ޓްރާންސްފާ ކުރުމުގެ މަސައްކަތުގައިވެސް އުޅުނުއެވެ. އަދި ސާމްޕަލް ނެނގުމުގެ މަސައްކަތުގައި ވެސް ހަރަކާތްތެރިވިއެވެ.

އެހެންނަމަވެސް މިހާތަނަށް އެއިން އެންމެ ދަރުމަވެރިއަކަށްވެސް އެލެވެންސް ލިބިފައި ނުވާކަން، އޭއީއެޗްގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ޒުވާނަކު މަޢުލޫމާތު ދެމުން ވަނީ ބުނެފައެވެ.

"އަސްލު އަޅުގަނޑުމެން މަސައްކަތް ކުރީ ފްރޮންޓް ލައިންގެވެސް ހައިރިސް ކެޓަގަރީގައި. ޕީޕީއީ އަޅައިގެން އުޅެން ޖެހެނީ، ކޮވިޑް ޖެހިފައި ތިބި ޕޭޝެންޓުންނަށް ހިދުމަތް ދިނުމާއި އެނޫންވެސް ކަންކަމުގައި. ވަޒީފާއަކަށް ނުގޮސް ހިދުމަތުގައި މަޑުކުރީވެސް އައްޑޫގެ ހާލަތު ގޯސްވުމުން. އެކަމަކު ކުރި މަސައްކަތް ބަލައިނުގަތުމުން ވަރަށް ހިތާމަކުރަން،" އޭނާ ބުންޏެވެ.

އެ ހުރިހާ އެންމެންގެވެސް އަތްމަތި ދަތިވެ، މާލީ ގޮތުން ބޮޑެތި ދަތިތަކާއި ދިމާވެ އަސާސީ ކަންކަން ފުރިހަމަ ކުރުމަށްވެސް ހުރަސް އެޅިފައިވާކަމަށް އަސަރާއި އެކު އޭނާ ބުންޏެވެ.

ހޮސްޕިޓަލަށް އެމީހުން ގެންދިއުމުގެ ކަންކަން ކުރިން ހަމަޖައްސަމުން އައީ އެމްބިއުލާންސްގައި ކަމުގައި ވީނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތްކަމަށް މިހާރު ވަނީ އަންގާފައެވެ. އެހެންވެގެން އޭއީއެޗް ހުންނަ ހިތަދޫއަށް އެހެން ރަށްރަށުން ދަތުރުކުރާ ދަރުމަވެރިންވެސް މިހާރު ދަތުރުކުރަން ޖެހެނީ އަމިއްލަ ޚަރަދުގައެވެ. އެލެވެންސް ފޯމްތައް އެފަރާތްތައް ލައްވާ ހޮސްޕިޓަލް މެނޭޖްމެންޓުން ކޮންމެ ދުވަހަކު ފުރުވި ނަމަވެސް އެ އެލެވެންސްއެއް މިހާތަނަށް އެއިން އެއްވެސް ދަރުމަވެރިއަކަށް ލިބިފައި ނުވެއެވެ.

އެތައް މަހެއް ވެގެން ދިޔައިރު ވެސް މި މައްސަލަތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައި ނުވާތީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ ދަރުމަވެރިން މާދަމާއިން ފެށިގެން މަސައްކަތް ހުއްޓާލަން މިހާރު ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ފްރޮންޓް ލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު، އެލަވަންސްއެއް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މެއި މަހުގެ ކުރީ ކޮޅުގައެވެ.

އެ ފައިސާ ދޫކުރަނީ ފައިސާ ލިބޭ ފަރާތްތައް ތިން ކެޓަގަރީއަށް ބަހާލައިގެންނެވެ. "ހައި ރިސްކު" ކެޓަގަރީ އެލެވެންސްގެ ގޮތުގައި 500 ރުފިޔާ ދޭއިރު މެދުފަންތީގެ ހިރާސްގެ ކެޓަގަރީގެ މަސައްކަތްތެރިންނަށް 250 ރުފިޔާ އަދި ދަށް ފަންތީގެ ރިސްކުގެ ފަރާތްތަކަށް 200 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީން ޖުލައި މަހު އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އެމަހުގެ ނިޔަލަށް 12،400 މީހަކަށް ފްރޮންޓްލައިން އެލަވެންސް ވަނީ ދޫކޮށްފައެވެ. އެއީ ޖުމްލަ 166 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  ރަނގަޅު ނިންމުމެއް. ހިޅޭ ސާބަހަށް އެތައް ގަޑިއިރެއް ހޭދަކުރާއިރު ހޮސްޕިޓަލުގެ ނަރުހުންވެސް މުސާރަޔާ އެލަވަންސް ނަގައިގެން ކުރަނީ އެމަސައްކަތް.

  17
  1
 2. Anonymous

  ފިނޭންސް މިނިސްޓަރީން ފްރަންޓްލައިން އެލަވަންސް ދިނީ ދާއިމީ ވަޒީފާތަކުގަ ތިބި މުސާރަޔާ އެލެވަންސް ލިބޭ ނަރުހުންނަށް. ދަރުމަވެރިންނަކަށް ނުލިބޭ އެންމެ ލޯ ލާރިޔެއްވެސް. އެކަމަކު އެކި ވައްތަރުގެ ސާމްޕަލްތައް ނަގަަން ޕީޕީ ކިޓް އަޅައިގެން ދާހިއްލައިގެން ދުވާލު ހަތަރުދަމު ތެޅުނީ ދަރުމަވެރިން. އެލަވަންސެއް ނުދޭތަނުގަ ކާނެ ރަނގަޅު އެއްޗެއްވެސް ލިބުނީއެއް ނޫން.

  15
  3
 3. ހެހެހެ

  ދަރުބާރުގޭގައި މަސައްކަތް ކުރާކުދިންގެ ތެރެއިންވެސް ބައެއް މުވައްޒަފުންނަށް ތިޔާ ބުނާ ފައިސާ ލިބެނީ މާނިއުއަށް ލިބޭ މައިމޫނާއަށްލިބޭ އެ ނިމުނީނު އަނެއްކާ އިހަކަށްދުވަހަކު 70ހާހުން މުސާރަ ޖަމާކުރި ކޮބާ ނިކަމެތިން ވާވާ މީ ތަފާތު ނުކުރަން އެހެން މީހުންނަށް އަންގާ ފަރާތުގެ ހާލަތު

  15
  1
 4. ވޮލަންޓިއަރު ކުއްޖާ

  މާލޭގައިވެސް ވޮލަންޓިއަރުން ގޮތުގައި މަސައްކަތް ކުރި ގިނަ ބަޔަކަށް އެލަވަންސް ނުލިބޭ!! ޚާއްސަކޮށް މީހުން މަދުކުރުމުގެ ނަމުގައި ރިލީސް ކުރި ވޮލަންޓިއަރުންނަށް.

  17
 5. Anonymous

  ތިބުނަނީ މަސައްކަތް ކުރީ ޤައުމީ ކަމެއްގޮތުގައި ދެކިގެންނޭ...
  ދެން ކީއްކުރާ ފައިސާގެ ވާހަކައެއް...
  ބައެއް މީސްމީހުން ކޮވިޑްގެ މަސައްކަތްކުރޭ ހިލޭސާބަހަށްވެސް...

  ވީމާ ޤައުމީ ކަމެކޭ ނުކިޔާ....
  ފައިސާއަށޭ ކިޔާ.

  6
  26
  • ބެއްޔާ

   ބޭފުޅާ އައް ކެރޭނެތަ ހިދުމައި ކޮއްލަން ނިކުންނަން ތިބުނާހެން.........

   14
 6. ހަސަނު

  250 ރުފިޔާ އަށް ދާނެކަމެއްނެތް. ބަންގާޅިއަކަށް ވުރެވެސް ދަށް މުސާރައެއްތީ. އެއްމެ ދަށްމީހާއަށްވެސް ދުވާލަކަށް 450 ރުފިޔާ ލިބެންޖެހޭނެ. އެއީ މަސައްކަތު މީހެއްގެ ދުވަހުގެ މުސާރައަކީ.

  14
  1
 7. އަލީމޫސާ

  ދަރުމަވެރިން ދަރަނިވެރިންނައްވީ ދޯ. ދެރަކަމެއް.!

  14
 8. ހަވާސާ އިބޫ

  މިގައުމުގައި ވޮލަންޓިކޮށް އެއްވެސް މަސައްކަތެއް މިގައުމުގައި ކުރަންނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ހަތަރެސްފައިން ބުނި ފައިސާ އެބަހުރި ދޭނަން ނަމަވެސް ދަރުބާރުގޭގައި މަސައްކަތްކުރާ މީހުންނާއި ވެސް ފައިސާނުދޭ އަދިވެސް!

  11
  1
 9. ދިވެހިން

  މާލޭގަ ވެސް ތިގޮތަށް، ޅަ ކުދިން ގެންގޮސްގެން އެލަވަންސް ނުދީ އެކުދިންނަށް ބަވާ، 10 ގަޑިއިރު މަސައްކަތް ކުރުވާ، އެލަވަންސް ލިބުނީ ސަރުކާރު ވަޒީފާގައި ތިބި ނަރުހުންނާއި ހެލްތް މުވައްޒަފުންނަށް، ދެން ވޮލެންޓިއަރުން ނުވާތީ އެތަނަށް ފުލުހުން އަޅާގެން އުޅެނީ، އެކަމު ފުލުހުންނަށް އަދި ސިފައިނަށްވެސް އެލަވަންސް ނުދޭ ކަމަށް ވަނީ، މިކަން ނިމޭއިރު ޓެގް ޓީމްގެ މީހުން ރިސޯޓް ހުޅުވާނެ