ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓް ކެނޑި، އެއާޕޯޓްގެ ޚިދުމަތްތައް ހުއްޓިއްޖެއެވެ. ނަމަވެސް މިހާރު ވަނީ ކަރަންޓްގެ ހިދުމަތް އަލުން ދީފައެވެ.

މިއަދު ހެނދުނު 09:40 ކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓް ކެނޑުމުން ޗެކިން ކުރުމާއި އެހެނިހެން ހިދުމަތްތައް ވެސް ހުއްޓުނެވެ. އަދި އިމިގްރޭޝަނުން ދެމުން އައި ހިދުމަތްތައް ވެސް ހުއްޓުނެވެ.

އެއާޕޯޓަށް ކަރަންޓް ލިބުނީ 11:30 ކަންހާއިރުއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވެލާނާ އެއާޕޯޓުން ކަރަންޓް ކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލު ކުރަން ޓެކްނިކަލް މުވައްޒަފުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ކަރަންޓް ކެނޑުމުން ދިމާވެފައިވާ ދަތިތަކަށް އެމްއޭސީއެލް އިން ވަނީ މާފަށް އެދިފައެވެ.

އެއާޕޯޓުން ކަރަންޓް ކެނޑުމުން ރާއްޖެ އިން ފުރަން އޮތް ބައެއް ފްލައިޓްތައް ވަނީ ޑިލޭ ވެސް ވެފައެވެ.

ވެލާނާ އެއާޕޯޓުން ކަރަންޓް ކެނޑެން މެދުވެރިވި ސަބަބެއް އެމްއޭސީއެލް އިންނެއް ނުބުނެއެވެ.