ގއ. ގެމަނަފުށީގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ފޯރޮކޮށްދޭން ފެއްޓުމާއި ގުޅިގެން އެކަމަށްޓަކައި އެ ރަށު ކައުންސިލް ސަރުކާރަށް ޝުކުރު އަދާކުރައްވާފިިއެވެ.

ގެމަނަފުށީ ކައުންސިލުން ވަނީ އިއްޔެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ކައުންސިލަރުން ވިދާޅުވީ ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދޭން ފެށުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ހިދުމަތެއް ކަމުގައި ކަމަށް ވިދާޅުވެފައެވެ. އެ މަރުކަޒަށް އިތުރަށް މުވައްޒަފުން ބޭނުންވާކަމަށާއި، މަރުކަޒުގެ ޖާގައިގެ ދަތިކަން ހުރިކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، މުވައްޒަފުން މަދުކަން ކައުންސިލުން ފާހަގަކުރެއްވެވިއެވެ.

އޭގެ އިތުރުން ސްކޫލަށް މަލްޓި ޕާޕަސް ހޯލެއް ބޭނުންވާކަމާއި، އެއްދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރުމަށްޓަކައި ފަހުން އިމާރާތް ކޮށްފައިވާ 10 ކްލާސްރޫމަށް ފަރުނީޗަރު ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ. ހަމަ އެއާއެކު މަސްވެރިންގެ ކަންބޮޑުވުންތަކާއި، ޒުވާނުންގެ ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން މަހުގެ އަގު ރަނގަޅުކޮށްދިނުމަށާއި، އައިސް ޕްލާންޓްގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ބޭނުންވާކަން ފާހަގަކުރެއްވެވިއެވެ.

އަދި ޒުވާނުންނަށް ހާއްސަކޮށް ޔޫތް ސެންޓަރެއް ގާއިމުކޮށް ދެއްވުމަށާއި، ފުޓްބޯޅަ ދަނޑެއް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދު ރައްކާތެރިކޮށްދެއްވުމަށާއި، ރަށުގެ ބިންހިއްކަން ބޭނުންވާކަމަށާއި، ބަނދަރުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ މިސްކިތް މަރާމާތުކުރުމަށް ބޭނުންވާކަމުގައި ގެމަނަފުށި ކައުންސިލުން ފާހަގަކުރެއްވެވިއެވެ. އަދި ރަށުގައި ތާރު އެޅުމަށް ބޭނުންވާކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން ނަރުދަމާގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަން ފާހަގަކުރައްވާ، ފެނުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައި ވިދާޅުވިއެވެ. ރައީސް ވަނީ ރަށުގައި ތަރައްގީގެ މަސައްކަތް ކުރާއިރު ރަށުގެ ކައުންސިލުން އެއްބާރުލުން ދެއްވުމަކީ ވަރަށް ރަނގަޅުސިފައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.