ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ދެކުނު އޭޝިއާގެ ކޮމިޝަންގެ ރިޔާސަތަށް އަނެއްކާވެސް ރާއްޖެ ހޮވިއްޖެއެވެ.

ޔޫއެންޑަބްލިއުޓީއޯ ދެކުނު އޭޝިއާގެ ކޮމިޝަންގެ 58 ވަނަ ބައްދަލުވުން އިއްޔެ ވަނީ ބާއްވާފައެވެ.

މި ބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯގެ ސްޓެޗުއަޓަރީ އޯރގަންސް އަދި ސަބްސިޑަރީ ބޮޑީސްއަށް ވަނީ ޤައުމުތައް ހޮވާފައެވެ. މީގެ ތެރޭގައި ޖެނެރަލް އެސެމްބްލީގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް އިންޑިއާ އަދި ކްރެޑެންޝިއަލްސް ކޮމިޓީއަށް ބޫޓާން ވަނީ ހޮވާފައެވެ. މީގެ އިތުރުން، ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ އެގްޒެކެޓިވް ކައުންސިލްގެ ދެ ގޮނޑިއަށް އީރާން އަދި އިންޑިޔާ ވަނީ ހޮވާފައެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން 25 ބައިވެރިން ބައިވެރިވެފައިވެއެވެ.

އަދި މިބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯ ދެކުނު އޭޝިއާގެ ރިޔާސަތުގެ ދެވަނަ ދައުރަކަށް ރާއްޖެ އިންތިހާބުކޮށް، ވައިސް ޗެއަރ ގެ މަގާމަށް ބަންގްލަދޭޝް އަދި އިރާން ވަނީ އައްޔަނު ކޮށްފައެވެ. އެހެންކަމުން ކުރިއަށް އޮތް ދެ އަހަރު ދުވަހު ޔޫއެންޑަބްލިއުޓީއޯ ދެކުނު އޭޝިއާގެ ރިޔާސަތުގެ ބަލަހައްޓާނީ ރާއްޖެއިންނެވެ.