މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި އިރު ބެންޗްގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ލީކްވި އޯޑިއޯތަކުގެ ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބައްލަވައި ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަރިހު މިއަދު އެދިވަޑައިގެންފިއެވެ.

ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދުއާއި، ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްގެ އަޑު ހިމެނޭ ތިން އޯޑިއޯއެކެވެ. އެއީ ސީދާ އެ ފަނޑިޔާރުންގެ އަޑުކަމަށް އެ ބޭފުޅުންގެ ގާތް ބައެއް މީހުން ވެސް ވަނީ ބުނެފައެވެ.

ނަމަވެސް ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކުރުމުން ތިން ފަނޑިޔާރުންވެސް ވަނީ އެެއީ އެ ފަނޑިޔާރުންގެ އަޑު ނޫން ކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ ތަހުގީގަށް ތިން ފަނޑިޔާރުން ވަނީ އަޑުގެ ސާމްޕަލްވެސް ދެއްވައިފައެވެ. އޯޑިއޯތައް އެނަލައިސް ކުރަން ފުލުހުން ހަވާލުކޮށްފައިވަނީ އާއްމު ފަރާތަކާއެވެ.

ލީކުވި އޯޑިއޯއާއެކު ސިޔާސީ މަޝްރަހު ވަަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އެ އޯޑިއޯތަކަކީ ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ލިބޭ އިތުރު ހެއްކެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދަނީ ބުނަމުންނެވެ. އެ ވާހަކަތަކަށް އިތުރަށް ބާރު ދެއްވާފައިވަނީ ކުރީގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނެވެ.

އެ ކަންބޮޑުވުންތަކާއެކު އިދިކޮޅުގެ ލީޑާޝިޕުން ވަނީ މިއަދު ޕީޖީއާ ބައްދަލުކުރައްވައިފައެވެ. ޕީޖީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިދިކޮޅުން އެދިވަޑައިގެންނެވީ އޯޑިއޯގެ ތަހުގީގު ހިނގާ ގޮތް ވީހާވެސް ގާތުން ބައްލަވައި ދެއްވުމަށެވެ.

އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ޕީޖީއާ ބައްދަލު ކުރެއްވުމަށް ފަހު ވެލާނާގެއިން ނިކުންނަނީ
ފޮޓޯ: ވަގުތު

އިދިކޮޅުން އެދިވަޑައިގެންނެވި ގޮތަށް އެކަން ގާތުން ބައްލަވާނެ ކަމުގެ ޔަގީންކަން ޕީޖީ ދެއްވި ކަމަށް އެ އޮފީހުގެ ޕަބްލިކް ޕްރެސެކިއުޓާ އަހުމަދު ޝަފީއު ވަނީ "ވަގުތު"އަށް ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ ޔާމީންގެ ޝަރީއަތާ ގުޅޭ ކަންބޮޑުވުންތައްވެސް އިދިކޮޅު ފަރާތްތަކުން ޝަމީމްއާ ހިއްސާ ކުރެއްވި ކަމަށް ޝަފީއު ވިދާޅުވިއެވެ.

ނަމަވެސް އެއީ މި ވަގުތު ޝަރީއަތުގައި ހިނގަމުންދާ މައްސައަލައަކަށްވާތީވެ އެކަމާއި ގުޅޭ ގޮތުން ޕީޖީ ވާހަކަ ދައްކަވާފައެއް ނުވެއެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅަކީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. އަލީ ޒާހިރު، ބައެއް ފަނޑިޔާރުންނާ ގުޅުއްވައި ވަކި ގޮތަކަށް ޝަރީއަތް ކުރިއަށް ގެންދަަވަން އިރުޝާދު ދެއްވަމުންދާ ވާހަކަ އޭނާ ގެންދަވަނީ ތަކުރާރުކޮށް ދޮގުކުރައްވަމުންނެވެ.

އަލީ ޒާހިރު ވިދާޅުވެފައިވަނީ އިދިކޮޅުން އެ ވާހަކަތައް ދައްކަނީ ޔާމީންގެ ޝަރީއަތަށް އިދިކޮޅުން ނުފޫޒު ފޯރުވަން ކަމަށެވެ. ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވާފައެވެ.