މާލޭ ރަސްފަންނު މޫދަށް ތެޔޮ އެޅިފައި ހުރީ ބައެއްގެ ފަރުވާ ކުޑަކަމުން ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް "ވަގުތު" އަށް ވިދާޅުވީ، ތެޔޮ ފަދަ ތަކެއްޗަކީ ވަރަށް ފަރުވާތެރިކަމާއި އެކީ ގެންގުޅެން ޖެހޭ އެއްޗެއް ކަމަށާއި އެގޮތަށް ފަރުވާ ނުބަހައްޓައިފިނަމަ، އަގު ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

ނައީމް ވިދާޅުވީ، ރަސްފަންނު ސަރަހައްދަށް ތެޔޮ އެޅިފައި ހުރީ ކިހިނެއްކަން ސީދާ ބުނަން ދަތި ކަމަށާއި އެހެން ނަމަވެސް އެފަދަ ހާދިސާތައް އާއްމުކޮށް ހިނގަނީ ފަރުވާ ކުޑަ ކުރުމުގެ އިތުރުން ބަޔަކު މީހުން ގަސްތުގައި އެކަހަލަ ކަމެއް ކުރުމުން ކަމަށެވެ. އެހެން ނަމަވެސް މިއީ ގަސްތުގައި ބަޔަކު މީހުން ކޮށްފައިވާ ކަމެއް ކަމަށް ޔަގީން ނުކުރެވޭ ކަމަށް ނައީމް ވިދާޅުވިއެވެ.

"އާއްމުކޮށް ތެޔޮ ފީފާތައް މީހުން ކަނޑަށް އެއްލާލަނީ. އެގޮތަށް ހެދުމުން ތެޔޮ ލީކު ވަނީ. ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. މީހުން އުފާ ކުރަން ކުރުމަށް ދާ ތަންތަން ބަންދު ކުރަން ޖެހުން މިއީ އަގު ނުކުރެވޭ ވަރުގެ ގެއްލުމެއް" ނައީމް ވިދާޅުވިއެވެ.

ރަސްފަންނު މޫދަށް ތެޔޮ އެޅުނު ގޮތާއި ގުޅޭ ގޮތުން މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އެތަނަށް ތެޔޮ އެޅިފައި ހުރީ ރަސްފަންނު ނެރުމައްޗަށް ލައްވި ކަޅު ތެޔޮ ފީފީއަކުން ކަމަށެވެ.

ބުރާސްފަތި ދުވަަހުގެ ހަވީރުން ފެށިގެން ކަޅު ތެޔޮ އެ ސަރަހައްދަށް ވަދެފައިވާއިރު، މި ތެޔޮތަކުގެ ސަބަބުން މޫދުގެ އިތުރުން ގޮނޑުދޮށުގެ ވެލީގައި ވެސް ގިނަ އަދަދަކަށް ތެޔޮ ހުއްޓެވެ. އެހެންކަމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިހާރު އަންނަނީ އެތަން ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާމިދު ޝާހިދު

    ތިއީ ގަސްތުގައި ކުރިކަމަކަށްވެސް ވެދާނެ. އެހަންދުވަހު ހެނދުނު އައި ބާރުގަދަ ކޮޅިގަނޑުގައި އައިސް ލެއްގި އެއްޗެއްކަމަށްވެސް ވެދާނެ. މައްސަލައަކީ. އެތަނުގައި ވެސް ނުހުރޭ ލައިފްގާޑެއް ބަހައްޓާފައި. އަދި ލައިފްގާޑެއް އިށޭންދެލައިގެން އިންނާނީ އުސް އައްޓެއްވެސް ނުހުރޭ. އެހާ ބޮޑު ތޫފާންގަނޑެއްޖެހުނު އިރު އެހެން ދަތުރުކުރާ ތެޔޮ ބޯޒަރަކުންވެސް ތެޔޮތަކެއް ލީކުވެ އެހިސާބަށް އެޅިދާނެ ނޫންބާ...! ކެމެރާގަނޑެއްވެސް ރަނގަޅަށްވިއްޔާ ނީންނާނެ. ދެން ބުނަންވީ ބައެއްގެ އިހުމާލުންނޭ.

  2. އަލީ

    ތީ އެންމެ ނައްވެސް ވިސްނޭ ތީ ބަދަލު ހިފުމެއްކަން ދޮރުމައްޗައް ކުނިލޮރި އެޅުމުގެ ބަދަލު

  3. މަރީ

    ފަރުވާކުޑަވެގެންނެއްނޫން އެ ތެޔޮތަށް އައީ އަމިއްލަޔަށް އީޕީއޭ ކުއްވެރިވެއްޖެ ހަނުހުރޭ.