ކެތޭ ޕެސެފިކް އެއާލައިންސް ގެ އާ އޮފީހެއް މާލޭގައި ހުޅުވައިފިއެވެ.

އެ އެއާރލައިންގެ އާ އޮފީސް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ހަފްލާ ގައި އޮފީސް ހުޅުއްވާ ދެއްވީ ކެތޭ ޕެސިފިކްގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ ލީޑް ވިޝްނޫ ރަޖެންދްރަން އެވެ.

ކެތޭ ޕެސިފިކްގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިޝްނޫ ރަޖެންދްރަން ވިދާޅުވި ގޮތުގައި ހިނގަމުން އަންނަ 2018 ވަނަ އަހަރަކީ ކެތޭ ޕެސެފިކް އަށް ވަރަށް ހާއްސަ އަހަރެއް ކަމަށާއި މި އަހަރަކީ އެ އެއާލައިން އިން ރާޢްޖެއަށް ދަތުރުކުރަން ފެށިތާ ފަސް އަހަރު ފުރޭ އަހަރު ކަމަށެވެ.

ކެތޭ ޕެސެފިކް އެއާލައިންސް ގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގައި ވަނީ އެއާލައިންގެ ޓިކެޓް ދޫކުރުން އަދި އެއާޕޯޓް ސާވިސެސްގެ ހިދުމަތް ރާއްޖޭން ހަމައެކަނި ދެވޭނީ އޭސް ޓްރެވެލް މޯލްޑިވްސް އިން ކަން އިއުލާން ކޮށްފައެވެ. އަަދި ކެތޭ ޕެސިފިކް ގެ ޖެނެރަލް ސޭލްސް އޭޖެންޓަކަށް ވަނީ އޭސް ޓްރެވެލްސް ހަމަޖައްސާފައެވެ.

ކެތޭ ޕެސިފިކްގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އޭސް ޓްރެވެލްސް އަކީ ކޮމާޝިއަލް އޭވިއޭޝަންގައި 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި އިތުރުވަމުންދާ އިންޓަނޭޝަނަލް ޓްރެވެލްސް ގައި ވަރަށް އިސް ރޯލެއް ކުޅެމުން އަންނަ ކުންފުންޏެކެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކެތޭ ޕެސިފިކްގެ ރީޖަނަލް ޖެނެރަލް މެނޭޖަރ މާކް ސުޗް ވިދާޅުވީ ރާއްޖޭގެ މާކެޓަކީ ވަރަށް މުހިންމު މާކެޓެއް ކަމަށާއި އޭސް ޓްރެވެލްސް އާއެކު މި ވެވުނު އެއްބަސްވުމާއެކު ރާއްޖެއިން ދަތުރުކުރާ ފަރާތްތައް އިރުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކެތޭ ޕެސިފިކްގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އޭސް ޓްރެވެލް މޯލްޑިވްސް ގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު ފިރާގް ވިދާޅުވީ ''ކެތޭ ޕެސެފިކް ގެ އެއާލައިނުގެ އާ އޮފީހާއެކު އާ އެކު އެއާލައިން އިން ދަތުރު ކުރާ ފަރާތްތަކަށް ހާއްސަ އަގުތަކެއްގައި ސީޒަންތަކުގަ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ.'' ކަމަށެވެ.

ކެތޭ ޕެސެފިކް އެއާލައިންސް ގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިޝްނޫ ރަޖެންދްރަން ވިދާޅުވި ގޮތުގައި ހޮންކޮންގް، ޗައިނާ ،މެނީލާ ފަދަ މަންޒިލްތަކައް ވެސް ހާއްސަ ފެއާ ތަކެއް ތައާރަފް ކުރާނެ ކަމަށެވެ.

ކެތޭ ޕެސިފިކްގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ކެތޭ ޕެސިފިކް އިން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ހުއްޓުމެއް ނެތި ހޮންގް ކޮންގް އަދި ރާއްޖެއަށް ފްލައިޓް އޮޕަރޭޓް ކުރަމުންނެވެ. ކެތޭ ޕެސިފިކް އިން އޭޝިޔާ، އެމެރިކާ، ޔޫރަޕް، އަދި އެފްރިކާގެ 200 މަންޒިލަކަށް ދަތުރުކުރެއެވެ.

ކެތޭ ޕެސެފިކް ގެ އާ އޮފީސް ހުންނަނީ ހެންވޭރު އީސްޓް ލައިޓް އަމީރު އަހުމަދު މަގުގައެވެ.