ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާ މެދުގައި ދިވެހިން ކަންބޮޑުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަގްރީރު ކުރައްވަމުން ރައީސް ވިދާޅުވީ އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާން ބޭނުންވާ ކަމަށެވެ. އަދި އަންހެނުންނާ އަންހެން ކުދިންގެ ހައްގުތަކާއި ސަލާމަތާ ހިމާޔަތް އެ ގައުމުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ހައްގުތައް ކަށަވަރުވެފައި އޮތުމަށްޓަކައި ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް އެ ގައުމުގައި އޮތުން މުހިންމެވެ.

"މި މަގުން ގޮސް އަފްޣާނިސްތާނަކީ ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި، ހުރިހާ މާނައެއްގައި ކުރިއަރައިދާ ސުލްހަވެރި އަމާން ގައުމަކަށް ވެވިދާނެ،" އެމެރިކާގެ ނިއުޔޯކްގައި ދެއްވި ތަގްރީރުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

"އިންސާނިއްޔަތަށް އަދިވެސް އޮތް އެންމެ ބޮޑު އުންމީދަކީ އަޅުގަނޑުގެ ނަޒަރުގާ އދ. ބައިނަލް އަޤުވާމީ ގުޅުންތަކުން ހާޞިލުވާ ކޮންމެ ކާމިޔާބީ އެއް ރަމްޒު ކޮށްދެނީ އދ. ސުލްހަވެރި ހައްލާ، މަސަލަސްކަމުގެ ސައްލާ އުފެދެނީ މި މަރުކަޒުން."

އަފްޣާނިސްތާނުގައި މިވަގުތު އޮތީ ރައްޔިތުން އިންތިހާބުކޮށްފައި އޮތް ސަރުކާރެއް ނޫނެވެ. އަފްޣާންގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ފައިބަން ފެށުމާއެކު، ތާލިބާނުން ވަނީ އެ ގައުމަށް އަތްގަދަ ކުރަން ފަށައިފައެވެ. އެގޮތުން އެންމެ ފުރަތަމަ ތާލިބާނުންގެ ބާރުގެ ދަށަށް ގެނައީ އަފްޣާން އަށް ވަދެވެން ހުރި ހުރިހާ ބޯޑަރުތަކެވެ. އެއަށް ފަހު، މުޅި އަފްޣާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވެއެވެ.

ތާލިބާނުން މިހާރު ވަނީ އެ އަފްޣާނިސްތާންގައި ސަރުކާރެއް އެކުލަވާލައިފައެވެ. ޠާލިބާނުން އެކުލަވާލި ސަރުކާރުގައި ބޮޑުވަޒީރަކަށް އައްޔަން ކޮށްފައި ވަނީ މުއްލާ މުހައްމަދު ހަސަން އަޚުދުއެވެ.އިންޓީރިއާ މިނިސްޓަރަކަށް އައްޔަން ކޮށްފައި ވަނީ އެފްބީއައި އިން ހޯދަން އެންމެ ބޭނުންވާ އެކަކު ކަމަށްވާ ސިރާޖުއްދީން ހައްގާނީއެވެ. އޭނާ އަކީ އެމެރިކާގެ އެފްބީއައި އިން އެންމެ ހޯދަން ބޭނުންވާ މީހުންގެ ލިސްޓްގައި ހިމެނޭ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޏނ

  ވޯޓް ދިނުން ތި ނިމުނީ އެމް ޑީ ޕީ އަކީ ހުޅަނގުގެ ޕަޕެޓެއް ...

  4
  3
 2. ކެޔޮޅު

  އަމިއްލަ ގައުމުގެހާލަތާމެދު ނުވިސްނާމީހަކު 35 މިލިޔަން ޑޮލަރު ކަޅުފޮށީގައި ގެންގޮސްފާނެ.

  5
  1