ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗައް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލާފި އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރު ކަންވެސް ކޮށްފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އެމައްސަލާގައި ހައްޔަރު ކުރި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމްގެ މައްޗަށެވެ.

މަސްއޫދަށް ހަމަލާދިން މީހާގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ދަށުންނެވެ.

އާއްމްވެފައިވާ ވީޑިއޯ ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއާރު ސައިކަލެއްގައި އައި މީހަކު މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ދަގަނޑު ބުރިއަކުން ނެވެ.

މިހާރު އަމިއްލަ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ މަސްއޫދަށް ހަމަލާދިން މީހާ އަކީ މިދިޔަ ޑިސެމްބަރު މަހު ލ.އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ.

މަސްއޫދުގެ އެ ކާރުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް ދަނަވަރު ތިނެއްް ޖަހާ ކަންހާއިރު ލ. ފޮނަދޫ، މެދު އަވަށު އިޖްތިމާއީ މަރުކަޒުކައިރީގައި ޕާކްކޮށްފައި އޮއްވަ އެވެ.