ރޭ ބޮޑު ދިޔައިގައި ޅ.އަތޮޅު ކުރެންދުއަށް ވަރަށް ބޮޑަށް އުދަ އެރުމުގެ ސަބަބުން އެރަށުގެ ފުޓްބޯޅަ ދަނޑަށާއި ބައެއް ގެތަކަށް ވެސް ގެއްލުން ވެއްޖެއެވެ.

ކުރެންދޫގައި ޓާފް އަޅައިގެން ހަދާފައިވާ ފުޓްބޯޅަ ދަނޑަކީ ދިވެހިންގެ އިތުރުން ބޭރު މީހުންގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބުނު ދަނޑެކެވެ. އުދަ އާއިއެކު ފުޓްބޯޅަ ދަނޑަށް ވަނީ ގިނަ އަދަދެއްގެ އޮއްގާ އަރާފައެވެ. ލޮނުގެ އަސަރު ކުރުމުން ޓާފް ހަލާކު ވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ދަނޑަށް ލިބިފައި އޮތް ގެއްލުމުގެ ތަފްސީލް އަދި ސާފެއް ނުވެއެވެ.

އުދަ އެރުމުގެ ސަބަބުން ކުރެންދޫގެ ތިން ގެއަކަށް ލޮނުގެ އަސަރު ކޮށްފައި ވެއެވެ. އޭގެތެރެއިން ދެއެއެއްގެ ހިފައި ގެންގުޅޭ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އުދައިގެ ސަބަބުން ރަށުގައި ބޮޑުވެފައިވާ ލޮނުގަނޑު ހިންދުމުގެ މަސައްކަތް ރަށުގެ އާއްމުންނާއި ސިފައިން ގުޅިގެން އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފް އިން މިއަދު ހެނދުނު ވިދާޅުވީ ކުރެންދުއަށް އުދަ އެރުމުގެ ސަބަބުން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެރަށަށް އުދަ އަރައިގެން ސިފައިންނަށް ރިޕޯޓް ކުރީ ރޭ މެންދަމު 03:41 ގައެވެ.

އިއްޔެ އިން ފެށިގެން ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ހަފްތާގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏަވިޔަނި

    ލޮލުގަ އަޅައި ގަތީމަ ތިހެން ވެދާނެ...

  2. މަނިކު

    ހިއްކާ ބިންތައް މަދުވެގެން 1 މީޓަރ ހުންނަ ވަރަށް އުސް ކުރަން ވާނެކަމަށް ޤާނޫނެއް ހަދަންވީ..