އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ އަހުމަދަށް މަސައްކަތް ކުރަން ފުރުސަތު ނުދިނުމަށް ދައުލަތުން އެދިވަޑައިގެންފިއެވެ.

އާތިފްގެ މައްޗަށް މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވި ކަމުގެ ދައުވާ ދައުލަތުން އުފުލީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތެއް ފާހަގަވުމުން ވެސް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެ ކަން ގެނެސްފައި ނުވާ ކަމަށް ބުނެއެވެ.

އާތިފްގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި އާތިފްގެ ވަކީލުންގެ ގޮތުގައި ފަޒުނާގެ އިތުރުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރެވެ.

އަޑުއެހުން ފެށުމާއެކު ދައުލަތުގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނެންގެވިއެވެ. ދައުލަތުގެ ވަކީލް މަރިޔަމް ޝަމްއާ ފާހަގަ ކުރެއްވި އެ ނުކުތާއަކީ މިދިޔަ ޖޫން މަހު ޝަރީއަތް ކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހެކެވެ. މީގެ ކުރިން މި ނުކުތާ ފާހަގަ ނުކުރެއްވީ ވެސް އެހެންވެގެން ކަމަށް ވަކީލް ވިދާޅުވިއެވެ.

ދައުލަތް ތަމްސީލް ކުރައްވާ ޕީޖީގެ ވަކީލު ވިދާޅުވި އިސްލާހުގައިވާ ގޮތުން މިހާރު ޝަރީއަތް ކުރުމުގެ ގަވާއިދު އޮންނަ ގޮތުން މައްސަލައެއްގެ ދައުވާ އުފުލިއިރު ޕީޖީގައި މަސައްކަތް ކުރިނަމަ އެ މައްސަލައެއްގައި ދިފާއީ ވަކީލަކަށް މަސައްކަތް ނުކުރެވޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ރައްދު ދެއްވަމުން އާތިފްގެ އިސް ވަކީލް އާޒިމާ ވިދާޅުވީ އެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމި އިރު ފަޒުނާ އެ އޮފީހުގައި މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި ވަކީލުގެ ހައްގު އާތިފަށް ލިބިދޭން ޖެހޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ރައްދުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ދިފާއުން ފާހަގަ ކުރެއްވި ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާއި، ފުލުހުން ގުޅިގެން ހިންގާ ތަހުގީގުގައި މި މައްސަލަ ބަލައި އެއަށް ދައުވާ އުފުލިޔަސް މާ ކުރިން ވެސް އޭސީސީން މި މައްސަލަ ބަލަމުންދާ ކަމަށެވެ.

އާޒިމާ ވިދާޅުވީ، ދައުލަތުން އިޝާރާތް ކުރައްވާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގުގައި އާތިފްގެ މައްސަލަ ވަކިން ފާހަގަ ވާން އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ ކަން ސާބިތުވާނެ ލިޔެކިއުން ދައުލަތުން ހުށަހަޅުއްވަން ޖެހޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ގާޒީއަކަށް އިންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތުން އެ ކަމުގައި ގޮތެއް ނިންމަވާނީ ޕީޖީގައި ފަޒުނާ އެ މައްސަލައަށް މަސައްކަތް ކުރައްވާފައިވާ ލިޔެކިއުންތައް ދައުލަތުން ހުށަހެޅުއްވުމުން ކަމަށެވެ. އަދި ކިތައް ދުވަސް އެ ކަމަށް ބޭނުންވާނެތޯ އެއްސެވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ޕީޖީގައި ލިޔެކިއުންތައް ހުންނާނެ ކަމަށާއި އެ ލިޔެކިއުންތައް ޝަރީއަތަށް ހުށަހަޅުއްވަން ފަސް ދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ. އަދި އެ ލިޔެކިއުންތައް ބަލާލަން ދިފާއަށް ފުރުސަތު ދިނަސް އޭގެ ނަކަލު ކޮޕީއެއް ދެއްވަން ވެސް ދައުލަތުން ދެކޮޅު ހެއްދެވިއެވެ.

ބަލާލަން އެކަނި ފުރުސަތު ދިނަސް ދިފާއުގެ އިއުތިރާޒެއް ނެތުމުން މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވިދާޅުވީ އެ ލިޔެކިއުންތައް ބަލާލަން ދިފާއަށް ފުރުސަތު ދެއްވާނެ ކަމަށާއި ޝަރީއަތް ގެންދަވާނީ ވީހާވެސް ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

ދައުލަތުން ފާހަގަ ކުރެއްވި އެ އިޖުރާއީ ނުކުތާއާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނީ ލިޔެކިއުންތައް ހުށަހެޅުއްވުމުން އެއާ ގުޅޭ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދައްކަވަން ފުރުސަތު ދެއްވާފައި ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހު ކަމަށް ގާޒީ ވިދާޅުވިއެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓުގައި އާތިފްއަށް ކޮށްފައިވާ ތުހުމަތަކީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ އާތިފްގެ އެންގުމަކަށް ކަމަށެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓަށް ބިނާކޮށް އާތިފްގެ މައްޗަށް ދައުލަތުން އުފުލާވާފައިވާ ދައުވާ ސާބިތުއްވެއްޖެނަމަ އެއް އަހަރާއި 10 އަހަރާ މެދުގެ ޖަލު ހުކުމެއްގެ އަދަބު އަންނާނެއެވެ. ނުވަތަ 10،000 ރ. އާއި 500،000 ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އާތިފް ކުރިން ވިދާޅުވެފައިވަނީ އެމްއެމްޕރްސީގެ މައްސަލައަކީ 2014 ވަނަ އަހަރުގެ ޖޫން އިން ފެށިގެން 2018 ވަނަ އަހަރުގެ ތެރެޔަށް ދެމިގެން ގޮސްފައިވާ މައްސަލައެއް ކަމަށާއި އެފްއައިޔޫގައި އޭނާ ހުންނެވީ 2015 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 2015 ވަނަ އަހަރުގެ ޖޫން އަށް ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރައްވާނެ މުއްދަތެއް ވެސް ނުލިބޭ ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

އާތިފް ހުންނެވި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެމްއެމްއޭގެ ދަށުން ހިންގާ މިނިވަން ޔުނިޓެކެވެ. ފައިސާގެ މުއާމަލާތައް މޮނީޓާ ކުރުމާއި، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފަންޑުކުރުން ފަދަ ކަންކަން ހިނގާ ކަމަށް ޝައްކު ކުރެވޭ ނަމަ އެ ކަންކަން ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނައުމަކީ އެ ޔުނިޓުގެ މަސްއޫލިއްޔަތެކެވެ.