ސިޔާސީ ތިންވަނަ ފިކުރެއް އުފަން ކުރުވުމަށް މަސައްކަތްކުރަމުންދާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ އާއްމު ޖަލްސާ އަންނަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޕާޓީން ބުނެފިއެވެ.

މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއި ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްގެ އިތުރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އިސްވެ އުފައްދާފައިވާ އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިއަދުއެވެ.

އެކަމާއި ގުޅިގެން އެމްއެންޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ މުއައްސިސް އަބްދުﷲ ރިޔާޒު ވިދާޅުވީ، އިލެކްޝަނުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހުއްދަ ދިނުމާއި އެކީ ޖަލްސާ އަންނަ މަހުގެ އަށެއް ވާ ހުކުރު ދުވަހު ބޭއްވުމަށް ކުރަން ޖެހޭ ކަންކަން ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ.

މި ޖަލްސާ ބާއްވަން ނިންމާފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައެވެ. ބައްދަލުވުމުގެ ފުރަތަމަ ދަންފަޅި އެދުވަހުގެ މެންދުރު 2 އިން 6 އަށް އަދި ރޭގަނޑު 6 އިން 9 އަކަށް ކުރިއަށް ދާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާޒު ވިދާޅުވީ، ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި އިންތިހާބު ކުރަން ޖެހޭ އެމްއެންޕީގެ ވަގުތީ އިންޓެރިމް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އިންތިހާބު ކުރުމަށް ހަމަ ޖެހިފައިވަނީ ޕާޓީގެ ރައީސް، 6 ނައިބު ރައީސުން، އަންހެނުންގެ ވިންގގެ ލީޑަރު، ޒުވާނުންގެ ވިންގގެ ލީޑަރުގެ އިތުރުން 21 ކައުންސިލް މެމްބަރުންނެވެ. އޭގެ ތެރެއިން 7 މަގާމަކީ އަންހެނުންނަށް ހާއްސަ މަގާމެވެ.

އެމްއެންޕީގެ އިންޓެރިން ކައުންސިލަށް ކުރިމަތިލާ ފަރާތްތަކަށް އީމެއިލް އަދި ވައިބަރގެ އިތުރުން އެމްއެންޕީ އޮފީހަށް ވަޑައިގެން ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި އަކަށް އެމްއެންޕީއިން ބުނެފައިވަނީ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހެއެވެ.