އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ މުހައްމަދު އަމީންގެ ފޭކް ފޮޓޯއެއް ދައުރުކޮށް އަބުރު ކަތިލަމުންދާތީ އެ ކަން ހުއްޓުވަން އަމުރެއް ނެރުމަށް އަމީންގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

އަމީންގެ ދައުލަތުން މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި ފަހުން ވަނީ ގެއިން ބޭރުގައި ހެނދުނު ނުވައަކުން ހަވީރު ހައެއް ޖަހަން ދެން ނޫޅެވޭ ގޮތަށް މޮނިކޮން އަމުރެއް ނެރެފައެވެ. މާލެއިން ފުރުން ވެސް އަމީނަށް މަނައެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ އިސްތިއުނާފީ ނުކުތާތައް އިއްވައި ނިމުމުން، އަމީނަށް ދެއްވި ފުރުސަތުގައި ދިފާއީ ވަކީލް އަހްމަދު ޔާމީން ވިދާޅުވީ އަމީންގެ އަބުރު ކަތިލަން މީސް މީޑިއާގައި ރާއްޖޭގެ މީޑިއާތަކުގައި ވެސް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އެއް ކަމަކަށް ދިފާއީ ވަކީލް ފާހަގަ ކުރެއްވީ އިއްޔެ ބޭއްވި ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި އަމީން ހުރި ފޮޓޯއެއް އެޑިޓް ކޮށްފައި ދައުރު ކުރަމުންދާ ކަމެވެ. އެއީ އަމީން ލައިގެން ހުރި ހެދުމުގައި އައިއެސް ލޯގޯ ޖަހާފައި ހަދާފައިވާ ފޭކް ފޮޓޯއެއް ކަމަށް ވިދާޅުވިއެވެ.

އޭގައި އަމީން ކަތިވަޅިއެއް ހިފައިގެން ހުރި ގޮތަށް ވެސް ހަދާފައި ހުރިކަން ފާހަގަ ކުރައްވައި ދިފާއީ ވަކީލް އެދިވަޑައިގަތީ އެއީ ސުޕްރީމް ކޯޓުގެ އަޑުއެހުމުގެ ލައިވް ވީޑިއޯގެ ސްކްރީން ޝޮޓެއް ކަމުން އެ ކަން ހުއްޓުވައިދިނުމަށެވެ. އެ ފޮޓޯގެ ކޮޕީއެއް ވަނީ ޝަރީއަތަށް ހުށަހަޅުއްވައިފައެވެ.

ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ދިފާއުން ފާހަގަ ކުރައްވާ ފޮޓޯގެ ކަރުދާސްތައް ލިބިފައިވާ ކަމަށެވެ. އެކަމަކު އެކަމާ ގޮޅޭ ގޮތުން ދައުލަތުން އެއްވެސް ވާހަކައެއް ދަންނަވަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވަމުން ގެންދަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ އުއްތަަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންއެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދުއާއި، ފަނޑިޔާރު އައިޝާ ޝުޖޫންއެވެ.

ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ކަމުގައި ގޮތެއް ނިންމަވަން މިއަދު ވަކިން އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. މިއަދުގެ މި އަޑުއެހުމުގައި ދައުލަތުގެ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު އަރުވަން ދިފާއަށް އެންގެވިއެވެ. މި ވަގުތު ކުރިއަށް ދަނީ އެ ބައެވެ.

އަމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.