ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށް ގޮވާލައި އެކުލަވާލާފައިވާ ޕެޓިޝަންގައި ސޮއި ހޯދުމުގެ ކެމްޕޭން ވ. އަތޮޅުގެ މީހުން ދިރިއުޅޭ ފަސް ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

ވ. އަތޮޅަށް ބަރުލަމާނީ ޕެޓިޝަން ޓީމުން ކުރި ދަތުރުގައި އިސްކޮށް އުޅުއްވީ އެ ޕެޓިޝަންގެ މުޅި މަސައްކަތުގައި ވެސް އިސްކޮށް އުޅުއްވި ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާޙީމްއާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ.

ބޮންޑެ "ވަގުތު" އަށް މިއަދު ވިދާޅުވީ، ވ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށް ކަމުގައިވާ ފެލިދޫ، ފުލިދޫ، ކެޔޮދޫ، ރަކީދޫ، ތިނަދޫއަށް ޒިޔާރަތްކޮށް ގިނަ އަދަދެއްގެ ސޮއި ހޯދާފައިވާ ކަމަށެވެ.

ބަރުލަމާނީ ނިޒާމުގެ ޕެޓިޝަން ޓީމު ވ. އަތޮޅުގައި

އޭނާ ވިދާޅުވި ގޮތުގައި، އެ ރަށުގައި ހަރަކާތްތެރިވާ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މީހުން ވަރަށް އަވަހަށް ރަށްރަށުގައި ޖަގަހަ ހުޅުވައިގެން އިތުރަށް ވެސް ސޮއި ހޯދުމުގެ މަސައްކަތް ކުރާނެއެވެ.

ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދުމުގެ އިސްކޮށް އުޅޭ ޓީމު ކޮންމެ ހަފުތާ ބަންދެއްގައި އަތޮޅުތެރޭގެ ރަށްރަށަށް ޒިޔާރަތްކޮށް، ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތާއި އެ ނިޒާމުގެ ފައިދާތަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމުގެ ޕެޓިޝަން ޓީމު ވ. އަތޮޅުގައި

މި ޕެޓިޝަންގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ.

މި ނިޒާމަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ގެންނަން ބޭނުންފުޅުވާ ނިޒާމެކެވެ. ޕެޓިޝަންގެ ކަންކަން ވެސް ގެންދަވަނީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުންނެވެ.

ދެހާސްހަތްވަނަ އަހަރު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވެސް އެމްޑީޕީއާއި ނަޝީދު ތާއީދު ކުރެއްވީ ބަރުލަމާނީއަށެވެ. ވޯޓުލީ މީހުންގެ 40 އިންސައްތަ ބަރުލަމާނީއަށް ލިބުނުއިރު، އެމްޑީޕީން އެ ނަތީޖާ ގަބޫލުކޮށްފައެއް ވެސް ނުވެއެވެ.

މިހާރު އެމްޑީޕީގައި ވެސް ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން މަދެއް ނޫނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަކި ގޮތެއް ނުނިންމެވިޔަސް އެމަނިކުފާނުގެ ފެކްޝަންގެ ގިނަ މީހުން ދަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.