ފެޑެރަލް ނިޒާމަކީ ރާއްޖެއާއި ނުގުޅޭ ޚަރަދު ބޮޑު އަދި ހިންގަންވެސް އުދަގޫ ނިޒާމެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޭ ގޮތުގައި ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ފެޑެރަލް ނިޒާމަކަށް ބަދަލު ކުރަންޖެހެއެވެ. ހއ. އަތޮޅު ކައުންސިލުން ދިއްދޫގައި ބޭއްވި ތިލައުތުރު އެވޯޑު ހަފުލާގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިގުތިޞާދީ ގޮތުން ރާއްޖޭގެ ވަކިވަކި ސަރަޙައްދުތައް ކުރިއަރައިދާނީ ފެޑަރަލް ދަޢުލަތަކަށް ބަދަލުވެގެން ކަމަށެވެ. އަދި ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުން ލިބޭނީ އެމަގަށް މަސައްކަތް ކޮށްގެންކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ހިޔާލުފުޅާ ދެކޮޅަށް ހިޔާލު ފާޅުކުރަމުން ޝަރީފް ވިދާޅުވީ ފެޑެރަލް ނިޒާމަކީ އެއްވެސް ގޮތަކަށް ރާއްޖެ އާއި ގުޅޭ ނިޒާމެއް ނޫން ކަމަށެވެ. އަދި އެފަދަ ނިޒާމެއް ހިންގުމަކީ ވަރަށް އުނދަގޫ އަދި ޚަރަދު ބޮޑު ކަމެއް ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވާ ގޮތުގައި ފެޑެރަލް ނިޒާމަކީ ތަފާތު ދީންތަކާއި ނަސްލުތަކާއި އަދި ތަފާތު ބަސްބަހުން ވާހަކަ ދައްކާ އެތަށް މިލިއަން މީހުން ދިރިއުޅެމުންދާ އެކި ސްޓޭޓް ނުވަތަ ދައުލަތްތައް އެކުލެވޭ ގައުމުތަކުގައި ހިންގަމުންދާ ނިޒާމެކެވެ. އަދި އެއީ ރާއްޖެ ކަހަލަ ކުޑަ ގައުމަކާއި ގުޅޭ ނިޒާމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ފެޑެރަލް ނިޒާމް ފަދަ ޚަރަދު ބޮޑު ނިޒާމެއް ރާއްޖޭގައި ހިންގަންޖެހެނީ ކޮން ނަސްލީ ތަފާތުތަކާއި ދީނީ އަރާރުންތަކެއް އޮވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި އެފަދަ ނިޒާމަކުން އުފެދޭނީ ވަސީލަތްތައް ބެހުމާއި އިން ވަކިކުރުމުގެ ބޮޑު ތަޅާފޮޅުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑު މާސިންގާ ގައުމުތަކުގެ އެއްކޮށް ދިރިނޫޅެވޭ ވަރުގެ ދީނާ ނަސްލުގެ ތަފާތު ހުންނަ އެތައް ދައުލަތްތެއް އެކުވެގެން އެއްކޮށް އުޅެން ބޭނުންވެގެން އެތައް ކޮމްޕްރޮމައިސްގެ ތެރެއިން އުފައްދާފައިވާ ނިޒާމެއް ފެޑެރަލް ނިޒާމަކީ، އެއީ ރާއްޖެއާއި އެއްގޮތަކަށް ވެސް ގުޅޭ ނިޒާމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ފެޑެރަލް ނިޒާމް ރާއްޖޭގައި ހިންގުމަށް ކޮންމެ އިދާރީ ދާއިރާ އަކަށް ނުވަތަ ކޮންމެ ރަށަކަށް ކައުންސިލްގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހެއް ހަދައި ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށުގައި މިހާރު ރާއްޖެއަށް ނިސްބަތްވާ ކޮންމެ ރަށެއްގައި މުވައްސަސާތައް ހަދައި ބާރުތައް ވަކިކުރުމަކީ ގޮންޖެހުން ބޮޑު ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ރާއްޖެ ފަދަ މީސްކޮޅުމަދު، މަދު ވަސީލަތްތަކާއި އެކު ތަރައްގީވަމުން އަންނަ ކުޑަ ގައުމެއް އެތައް ދައުލަތްތަކެއް އެކުލެވޭ ގައުމަކަށް ބަދަލުކުރަން މަސައްކަތް ކޮށްފިނަމަ ސިޔާސީ އަރާރުން ބޮޑުވެ ގައުމު ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތްކަން ޝަރީފް ވަނީ ވިދާޅުވެފައެވެ.

"ދުނިޔޭގައި ހުރީ ހާއްސަ ހާލަތު ހުރި ވަރަށް މަދު ފެޑެރަލް ނިޒާމް އޮންނަ ގައުމުތަކެއް، ރާއްޖެއަކު އެ ހާލަތެއް ނެތް. ގައުމު އެކުވެރިކޮށް ބަދަހި ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ގައުމު ރޫޅާލައި ކުދިކުދި ކުރަން ބައެއް ސިޔާސީ މީހުން މަސައްކަތް ކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް." ޝަރީފް ވިދާޅުވިއެވެ.

ފެޑެރަލް ނިޒާމަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވަރަށް މަދު ގައުމުތަކުގައި ހިންގާ ނިޒާމެއްކަން ފާހަގަކުރަވަމުން ޝަރީފް ވިދާޅުވީ ދުނިޔޭގައި ފެޑެރަލް ނިޒާމް ހިންގަނީ ހާއްސަ ހާލަތުގައި ހުރި ވަރަށް މަދު ގައުމުތަކެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    މިހާރު ހުރިނިޒާމުގެ ޙަރަދު ވަކި ކުޑަތަ؟ އަދި މީނާގެ ދަރިއަށް ވަޒީފާ ދީގެން ކުރާޙަރަދުވެސް ކުޑަތޯ؟

    4
    1
  2. ސޯލޭ

    މީނަގެ ދަރިންނައް ނުތަކާވަރުގެ މުސާރަ ރައްޔިތުންގެ ފައިސާއިން ދެމުންދާއިރު ހަރަދުބޮޑެއްނުވޭ އަނގަ ދިޔާވެގެން އުޅޭ ބޭގަނޑެއްމިވެސ

    4
    1
  3. އިއްބެ

    މިކަލޭގެއަކީ އިސްތިހާރުވަގޮލައެއް! ފަހަކަށްއައިސް އެކި ވަންނި ޖައްސައިގެން ނޫސްތަކުން އެބަ ސުރުޚީހޯދާ! ގަސްދަކީ 2024 ގައިވެސް ގޮނޑި ލިބޭތޯ ބެލުން

  4. ޑައެލޯގް

    އެކަމަކު އަންނިއާއެކު ޝަރީފު މަސައްކަތް ކުރިއިރު އެރަގަލުވެފަ މިހާރުކަމުނުދާ ސަބަބު ބުނެދީބަލާށެވެ.

  5. މޮހޮރު

    ކަންނެތް ނިޒާމު އާ ގުޅެނީ ދޯ 😆

  6. އަބްދޫ

    ކޮންމެ ގައުމެއްގަ ވެސް އޮންނަނީ އެގައުމަކަށް ފެތޭ ނިޒާމެއް .މިގައުމުގަ މިއޮތީ މިގައުމަށްފެތޭ ނިޒާމެއް އެމްރިކާ އިގިރޭސިވިލާތް އިންޑިޔާ ޔޫރަޕްގަ ހުރި ނަޒާމް ދުނިޔޭގަ ހުރި އެހެން މުއްސަނދި ނިޒާމްތައް މިގައުކަށް ނުފެތޭ. މިގައުމަށްފެތެނީ މިހާރު މިއޮތް ޕާޓީ ރިޔާސީ ނުވަތަ ޕާޓީ ނޯންނަ ރިޔާސީ. މިހާރުވެސް ތިޔަ ނަސީދުމެން އިގިރޭސިވިލާތް ހަދަންވެގެން ކައުންސިލް ކިޔާ ކައުންސިލަރުންހެދުމުގެ ސަބަބުން ގައުމުދަނީ ފަހަތަށް ކައުންސިލަރުންގެ ނިޒާމްވަނީ ފެއިލްވެފަ.