ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައި ދުވަހު ސަލާމަތީ ބާރުތަކުން ދައުލަތުގެ މީޑިއާ ކަމުގައިވާ ޓީވީއެމް ހިންގަމުން ދިޔަ އިމާރާތަށް ވަދެ އެ ތަން "ހިސޯރު" ކުރި ކަމަށް ބުނާ މައްސަލަ ބަލަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި އެ މައްސަލާގައި ވަނީ ފެބްރުއަރީ 7، 2012 ގައި ޓީވީއެމްގެ ގޭޓަށް "ބަޑި ޖަހައި" އެ ތަނުގެ ކޮންޓްރޯލް ނެގީ ސިފައިންނާއި ފުލުހުންގެ ޔުނީފޯމު އަޅައިގެން ތިބި "ޓެރަރިސްޓުން" ކަމަށެވެ.

އެ ދުވަހު ޓީވީއެމްގެ ތެރެއަށް ސަލާމަތީ ބާރުތަކުން ވަދެގަނެ ޓީވީގެ ފީޑު ކަނޑާލުމަށް ފަހު ދެން ދޫކުރަމުން ގެންދިޔައީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނިން ހިންގަމުން ގެންދިޔަ ވީޓީވީގެ ލައިވް ފީޑެވެ.

މި މައްސަލަ ބަލަން ހުށަހެޅުއްވި މެންބަރު ބޮންޑެއަކީ އޭގެ އަނެއް ދުވަހު ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާއަށް ނުކުމެ ފުލުހުންނާ ހިންގި ކުރިމަތިލުންތަކުގައި އެންމެ ބޮޑަށް އަނިޔާވި އެއް ބޭފުޅާއެވެ.

ބޮންޑެއަށް އިންތިގާލީ އިންސާފުގެ އޮފީހުން ފޮނުވި ސިޓީއެއްގައި ވަނީ، އެ މައްސަލައަކީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެ އޮފީހުގެ އިހްތިސާސްގެ ތެރެއަށް ވަންނަ މައްސަލައެއް ކަމަށް ކަނޑައަޅައި އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.

އެ މައްސަލައަކީ އާންމު މަސްލަހަތު ގުޅުން ހުރި މައްސަލައެއް ކަމުން، އެ މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ހައްގުތަކާ ގުޅޭ ކަންކމަުގައި ކަމާ ގުޅުން ހުރި ފަރާތްތަކުގެ މައުލޫމާތު ހޯދައި، ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް އެ ސިޓީގައިވެއެވެ.

ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި، ފުލުހުންނާއި ސިފައިންގެ އެތެރެއިން ބަޔަކު ބައިވެރިވެ، ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު، ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

އެއީ "ބަޣާވާތެއް" ކަމުގައި ނަޝީދުއާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތު ކުރައްވައެވެ. އެކަމަކު ނަޝީދު ވެސް ބޭނުންވާ ގޮތަށް އެކުލަވާލެވުނު ރިޔާސީ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ނެރުނު ކޯނީ ރިޕޯޓްގައި ވަނީ ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަނީ ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދޫ

    ތިޔަ މައްސަލައެއް ނުބެލޭނެ. ޓީވީ މޯލްޑިވްސް ނުވަތަ ގައުމުގެ ޓީވީ ސްޓެސަން އެމްއެޑީއެފުން ބަލހައްޓަންވާނެ ، އެތަން ވަނީ ނަސީދު ގެނައި ދުސްތޫރީ ބަގާވާތުގަ އެމްޑިޕީ ގެ ޓެރަރިސްޓް ގްރޫޕަކުން ވެރިވެގެންފަ. ވީމާ އެބައިމީހުންގެ ކިބައިން ގައުމިޓީވީ ސަލާމަތްކުރުމަކީ ސިފައިންނާ ފުލުހުންގެ ވާޖިބެއް.

  2. ހުދުހުތްޕިލާ

    ބޮންޑޭ ވަރަށް ހެދިފަ ހުރޭ އުފަލުން ................

  3. އާން

    އެބަ ރަނގަޅުވޭ

  4. ލލ

    7 ފެބުރުއަރީގެ މައްސަލަތަކަކީ އޭރުގެ މަޖިލިސް ރައީސު އަބުދު ﷲ ޝާހިދުވެސް ހުރެގެން ރިޔާސީ ކޮމިޝަނަކުން ބަލާ ނިންމާ މަޖިލިހުން ވެސް ބަލާ ޝާހިދު ރިޔާސަތުގައިހުރެ ފައިނަކް ކޮށްފައިވާ މައްސަލައެއް އިތުރަކަށް ބެލިދާނެތޯ ؟