ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކުގެ މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިންގައި ބަޔާންދިނުމަށް އެދި ނަން ނޯޓުކުރުމުގެ މުއްދަތު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން އިތުރުކޮށްފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ 01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތަކުގައި ބަޔާންދިނުމަށް އެދި ނަން ނޯޓުކުރުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ވީމާ، ބަޔާންދިނުމަށް ބޭނުންވާ ފަރާތްތަކުން 08 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މަޢުލޫމާތުތައް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާއި ޙިއްސާކޮށްދެއްވުމަށް އިއުލާނުގައި އެދިފައި ވެއެވެ.

ފުރިހަމަ ނަން، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު، ދާއިމީ އެޑްރެސް، މިހާރު ދިރިއުޅޭ އެޑްރެސް، މިކަމާ ގުޅޭ މަޢުލޫމާތު ދެވިދާނެ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު އެނގޭ ގޮތް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ނަންބަރު 7223473އަށް ފޯނުން ގުޅައި، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދި [email protected] އަށް އީމެއިލް ކުރައްވައިގެންވެސް ހިއްސާ ކުރެއްވުމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން އެދެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރު ނިމެންދެން ވަނީ ދަންމާލާފައެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކުރީ، އެ އޮފީހުގެ މަސައްކަތްތަކަށް ކަނޑައެޅި ދެ އަހަރު ދުވަހުގެ މުއްދަތު އަންނަ މަހު 17 އަށް ހަމަވާއިރު، އެ އޮފީހުން ތަހުގީގުކުރަމުން ގެންދާ ބައެއް މައްސަލަތައް ފުރިހަމަކުރުމަށް، މުއްދަތު އިތުރުކޮށްދިނުމަށް އެ އޮފީހުން އެދިފައި ވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.