މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމް 2020 ގެ ތެރެއިން ފޮޓޯ ޖާނަލިޒަމްގެ އެވޯޑު “ވަގުތު” ގެފޮޓޯގްރަފީ ހެޑް އިބްރާހިމް ޝާބިލް އަށް ލިބިއްޖެއެވެ.

މީޑިއާ ކައުންސިލުން މިރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ޝާބިލް އަށް މި އެވޯޑު ލިބުނީ "ވަގުތު" ގެ ފޮޓޯ ޖާނަލިސްޓް މުހައްމަދު އަފްޒަލް އާއި "ސަން" އޮންލައިންގެ ފޮޓްރޯގްރާފަރު ފަޔާޒް މޫސާއާ ވާދަކޮށެވެ. ފަޔާޒް މިހާރު މަސައްކަތް ކުރަމުން ދަނީ "މިހާރު" ނޫހުގައެވެ.

ޝާބިލް އަށް ލިބުނު އިނާމްތަކުގެ ތެރޭގައި:

  • މީޑިއާ ކައުންސިލުން ދޭ ފައިސާގެ އިނާމު: 20،000ރ.
  • އިސްލާމިކް މިނިސްޓްރީން ދޭ ފޮތްތައް
  • އެސްޓީއޯއިން ދޭ ޓީވީ
  • ވޭލް ސަބްމެރީން އިން ދެ ބޭފުޅަކަށް ދަތުރެއް
  • ހަންހާރަ ކެފޭ އިން ދެ ބޭފުޅަކަށް ކެއުން
  • ދިރާގު ޕޯސްޓްޕެއިޑް 1،000ރ. ގެ ޕްލޭން (ހަ މަސް ދުވަހަށް)

އިބްރާހިމް ޝާބިލް، ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނީ ފެބްރުއަރީ 2016 ގައެވެ. "އަވަސް" ނޫހުން ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، އެ އަހަރުގެ އޮގަސްޓް މަހު "ވަގުތު" އާ ގުޅި އެ ތަނުގައި މަސައްކަތް ކުރަން ފެށިއެވެ. މިހާރު އޭނާއަކީ "ވަގުތު" ނޫހުގެ ފޮޓޯގްރަފީ ޑިޕާޓްމަންޓްގެ ހެޑެވެ.

ޝާބިލް ވަނީ 2019 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން ދިން ނޫސްވެރިކަމުގެ އިނާމުގައި ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އިން ނޮމިނޭޓްވެފައެވެ. ޝާބިލް އާންމުކޮށް ކުރަނީ ފޮޓޯ އާއި ވީޑިއޯގެ ހުރިހާ މަސައްކަތަކާއި މަލްޓި މީޑިއާ ކޮންޓެންޓް ތައްޔާރު ކުރުމެވެ.

ނޫސްވެރިކަމުގެ ދާއިރާއާ ގުޅުމުގެ ކުރިން އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން ފޮޓޯ ނަގަން ފަށައިފައެވެ. ޝާބިލްގެ މިއަދުގެ ހުވަފެނަކީ ބޭރުގެ އެކިއެކި ގައުމުތަކަށް ދަތުރުކޮށް އެ ގައުމުތަކުގެ ސަގާފަތާއި އާދަކާދަ ފޮޓޯ އާއި ވީޑިއޯ އިން ކިޔައި ދިނުމެވެ.