ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ދިރާސާކުރުމުގެ މަސައްކަތް ކުރެވެމުންދާ ބިލުތަކުގެ މަސައްކަތް ނުނިމި ލަސްވަމުން ގޮސް ކޮމިޓީތަކުގެ މަސައްކަތް ގިނަ ވެގެން ދިއުމުން، އެ ކަން އަވަސް ކުރާނެ ގޮތެއް ހޯދަން މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ބިލެއްގެ މަސައްކަތް ނެތްއިރު، ކޮމިޓީތަކުގައި 33 ބިލެއްގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އެއީ ސަރުކާރުން ފޮނުވި 26 ބިލަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި ހަތް ބިލެކެވެ.

"ސަރުކާރުން ގިނަ ބިލުތަކެއް މި ދައުރު ހުށަހަޅަން ވެސް ބޭނުންވޭ، އެ ހުށަހެޅި ނަމަވެސް، ކޮމިޓީތަކުގައި މިހާރު ހުރި މަސައްކަތްތައް ނުނިމެނީސް، މި ތާ ހުރި މަސައްކަތްތައް ނިމެން ވަރަށް ދަތި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ބައެއް ކޮމިޓީތަކުގައި ހިމެނޭ މުހިއްމު ބައެއް ބިލުތައް ވެސް ވިދާޅުވެފައެވެ. މި ގޮތުން ވިޔަފާރިތަކާ ގުޅުން ހުރި ބައެއް ބިލުތައް ގިނަ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

އޭގެ ތެރޭގައި އިގްތިސާދީ ކޮމިޓީގައި އޮތް ޗެމްބާ އޮފް ކޮމާސްގެ ބިލާއި، ޖުޑިޝަރީ ކޮމިޓީގައި އޮތް ހެއްކާ ބެހޭ ބިލާއި، އިފްހާސް ކުރުމުގެ ބިލާއި، މަދަނީ އިޖުރާއަތްތަކުގެ ބިލު ވެސް ހިމެނެއެވެ.

"މި އަޅުގަނޑުމެންގެ ވިޔަފާރީގެ ހަޔާތް ގުޅިފައިވާ މުހިއްމު ބިލުތަކެއް، އަޅުގަނޑު މި ވިސްނަނީ ހުއްޓިފައި އޮތް މަސައްކަތްތައް ނިންމާނެ ގޮތެއް މަޝްވަރާކޮށްގެން ހޯދައި އެ ގޮތަށް ނިންމަން ހިފަން އެބަ ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުން، ހިއުމަން ރައިޓްސް ކޮމިޓީގައި ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލެއް އޮތް އިރު، ގައުމީ ތަރައްގީގެ ކޮމިޓީގައި ބޯހިޔާވަހިކަމާ ގުޅުން ހުރި ދެ ބިލެއް، އަދި އިޖްތިމާއީ ކޮމިޓީގައި ޖަމިއްޔާތަކުގެ ބިލާއި، ކުޅިވަރުގެ ބިލެއް އޮތް ކަމުގައެވެ.

"މިހާރު ވެސް ޖުޑިޝަރީ ކޮމިޓީން، ހިއުމަން ރައިޓްސް ކޮމިޓީން ވެސް، ކޮންމެ ދުވަހަކު އެބަ ބައްދަލު ކުރޭ، އަޅުގަނޑަށް ހީވަނީ މިހާރު ދެ ފަހަރު ކޮންމެ ދުވަހަކު ބައްދަލު ކުރަންވީއޭ، މި މަސައްކަތްތައް އަވަސް ކުރާނެ ގޮތެއް ހޯދުމުގެ ބޭނުމުގައި،" މަޖާޒީ ރާގެއްގައި ނަޝީދު ވިދާޅުވިއެވެ.