ކ. ރަސްފަރީ ފަރަށް އެރި "ނެވިއޯ އަމަރީލިސް" އާގު ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނިންމައިފިއެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ދަތުރު ކުރަމުން ދިޔަ، އާގު ބޯޓު ފަރަށް އެރީ އޮގަސްޓް 19 ވަނަ ދުވަހުއެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 623 ފޫޓުގެ އާގު ބޯޓު ފުން ކުރެވުނީ ޓަގްބޯޓެއް ގެނެސްގެން ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ. ބޯޓު ފުން ކުރި އިރު، ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުރަކަތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށްވެއެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ރަސްފަރީ ފަރަށް އެރި ބޯޓު ފުންކޮށް ނިމުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އާއި އެމްއެންޑީއެފް ގުޅިގެން އެ ސަރަހައްދު ބަލައި ސާވޭ ކުރިއިރު ފަރުގެ 8،867 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެހެންވެ، ބޯޓު ރަސްފަރީ ފަރަށް އެރުމުން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކާ ގުޅިގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން 100 މިލިއަން ރުފިޔާ އިން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އުޅަނދުގެ ރާއްޖޭގެ އެޖެންޓް އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ހޯމަ ދުވަހު އަންގާފައި ވާނެ ކަމަށް ވެސް އީޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭ އިން ބުނި ގޮތުގައި ގަވައިދުގެ ދަށުން ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 893,952,569 ރ. ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެ ފައިސާ ޖޫރިމަނާގެ ގޮތުގައި ދައްކާ ހަލާސްކުރަން އީޕީއޭ ވަނީ އަންގައިފައެވެ.

ނަމަވެސް ރަސްފަރީގެ ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ޝަރީއަތް މެދުވެރިކޮށް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކުގައި މިހާރު ފަށާފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

ކ. ރަސްފަރި އާއި އެ ރަށުގެ ވަށައިގެންވާ ސަރަހައްދަކީ ސެޕްޓެމްބަރު 27، 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން ދެކުނު އެފްރިކާ އަށް ދަތުރު ކުރަމުންދަނިކޮށް ބޯޓުގެ އިންޖީނުގެ ތިން ވަނަ ޔުނިޓު މާބޮޑަށް ހޫނު ގަދަވެގެން ނިއްވާލަން ޖެހުމުން، އޮޔާދާން ފެށި ބޯޓު ގޮސް ލެއްގީ ރަސްފަރި ފަރަށެވެ. އެ ބޯޓު ގާތްގަނޑަކަށް 17 ވަރަކަށް ގަޑިއިރު ވަންދެން އޮޔާ ދިޔައެވެ.ބޯޓު ފަރަށް އުރުނު އިރު އެ ބޯޓުން ކަމާބެހޭ ފަރާތައް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެނޮނިމަސް

    ބަރާބަރު. މިކަންނެންގެ މި ގައުމުގަ ކިރިޔާވެސް ހިންގާ މުއައްސަސާ އަ ކީ.ދެން ހުރި ތަން ނެތަސް ރައްޔިތުންނައް ނެންގޭނެ

    14
    2
  2. ހުސެން

    އައްޱޫ ގޮނޑު ދޮށުން ވެލި ނަގާ މީހުން ނޯ.އެއްލޯ މަރައިގެން ކަންތަ ބަލަނީ؟

  3. Anonymous

    ބަލަންތިބޭނަން ތިފައިސާލިބޭތޯ އިންޑިއާ އަންގާނެ މިހާރު ބޯޓު ދޫކުރާށޭ ބުނާއިރައް ބިރުން ދޫކޮއްލާނެ ވީމާ ސްޓަންޓް ނުޖައްސާ

    15
  4. ކެނަލް

    މީގެ ކުރިންވެސް ވަރަށް ގިނައިން ބޯޓްތައް ފަރަށް އަރާ…ބަޔަކު ކަމެއް ކުރީތީ ކުރަންއުޅޭބައެއް.

    9
    1
  5. ވާނުވާ

    ދެން ތިލާރިގަނޑައް ކިހިނެއްބާ ވާނީ ދޯ!

    14
    • ހަންބެ

      ހަލާކުވި ފަރުގަ، ރުފިޔާތައް ބަރި ބަރިޔައް ފައްތަނީ، 🤷🤷