އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓް ފޮތަކީ މަޖިލީހުގެ ހަޔާތުގައި ފެނުނު އެންމެ ބިޔަ ފޮތް ކަމަށާއި އަދި އެއީ އެންމެ ބިޔަ ދަރަނިތައް ވެސް ހިމަނާފައި އޮތް ބަޖެޓް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމްކޮށް މެރިޓައިމް ސިނާއަތެއް އުފައްދަން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ޝިޔާމްގެ ކަންބޮޑުވުމަކަށް ފާހަގަ ކުރެއްވީ އެ ކަން ދައުލަތުގެ ބަޖެޓްގައި ނެތުމެވެ.

ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ޝިޔާމް ވެސް އެ ބަހުސްގެ ތެރެއިން ދެއްކެވީ ބަޖެޓާ ގުޅުން ހުރި އެކި ވާހަކަތަކެވެ. ސަރުކާރުގެ ދައުރުގެ ދެބަޔަށް ވުރެ ބޮޑު ބައެއް ހޭދަވެގެން ދިޔައިރު ސަރުކާރަށް ކުރެވުނު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވާހަކަ ދައްކަވަމުން ގެންދެވިއިރު، އެމްޑީޕީގެ މެންބަރުން ގެންދެވީ ނިޒާމީ ނުކުތާ ނަންގަވައި، ޕީޕީއެމްގެ ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ފާޑުވިދާޅުވަމުންނެވެ.

ޝިޔާމްގެ ވާހަކައިގެ އެންމެ ފަހު މިނެޓު ކޮޅުގައި ފިނޭންސުން މަޖިލީހަށް ފޮނުވާފައިވާ "ބިޔަ" ބަޖެޓް ފޮތް ނަންގަވައި އެއަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ "މި އޮތީ ލިޔެފަ ޗާޕްކޮށްފައި އޮތް ބަޖެޓްގެ ބޯ މިން، ބިޔަކަން، އަނެއްކާ ވެސް މި އަންނަނީ ދަރަނި" ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ ފޮތް ޗާޕް ކުރަން ސަރުކާރުން ހޭދަކުރި ވަރެއް ވެސް ސާފު ނުވާ ކަމަށެވެ. އެހާ ބިޔަ ފޮތެއް ޗާޕްކޮށްފައި މަޖިލީހަށް ފޮނުވިއިރު، އެއީ 9/7 ބިލިއަން ނުވަތަ 10 ބިލިއަން ރުފިޔާއާ ގާތް ކުރާ އަދަދެއްގެ ޑެފިސިޓް ބަޖެޓެއް ކަމުން، އެ ވަރުގެ ދަރަނި ބޮޑު ބަޖެޓެއް ދެކެވަޑައިނުގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"[ގާތްގަނޑަކަށް] 10 ބިލިއަން، މުޅި ރާއްޖޭގެ ހަޔާތުގައި، މަޖިލީހުގެ ހަޔާތުގައި 10 ބިލިއަން ރުފިޔާ [އާ ގާތް ކުރާ އަދަދު] ގެ ދަރަނި ބަޖެޓެއް ފޮނުވާފައެއް ނުވޭ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މި ސަރުކާރުގެ އިސް ވެރިންގެ ވިސްނުމުގައި އާމްދަނީ ހޯދާނެ ހަރުދަނާ ގޮތްތަކެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ރައްޔިތުންގެ އަތުން ފައިސާ ހޯދޭނެ ގޮތްތަކެއް ހެދުމާއި، ދަރަނި އިތުރު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުސާރަ

    އެހެންނު ވާނީ، ކަލޭމެނައް ބޮޑު މުސާރަ، އެ ހެޔޮ ދުވަހުކޮޅުން މަޖިލީހައް ބޯދިއް ނުކޮއްލިޔަސް

    2
    1
  2. ޢަހޫ

    ޙަޔާތުގައި ނައިފަރު ފެނަ ކަ އަށް -/18 ރުފިޔާއަށް ތެޔޮލިޓަރެއް ވިއްކޭތޯ ބަލާބަލަ

  3. ބަރުގޮނު

    ޝިޔާމު ގެ ތިޔަ ވާހަކަ ރަގަޅު. މޫދުގައި އުޅުނު ރޮނޑަކަށް ސަރުކާރެއްގެ ބަޖެޓް ފޮތް ފެނުނީމާ ވާނީ ހަމަ އާ އެއްޗަކަށް.

  4. ނަދީ

    ކިތާބުލް ބުހްތާނު އޭ ކިޔުނު ބަޖެޓް ފާސްކުރުން.