ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ހިމެނޭ ގޮތަށް ދައުލަތުގެ ހެކިތައް ބަލައިނުގަންނަން ސަން އިންވެސްޓްމަންޓް ކުންފުނި އަދި ސަން ކޮންސްޓްރަކްޝަން ކުންފުނިން ވެސް ޝަރީއަތުގައި މިއަދު ހުށަހަޅައިފިއެވެ.
އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ދެ ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން އުފުލީ ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ.
މިއަދު ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޝަރީއަތުގެ ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ސަން އިންވެސްޓްމަންޓްގެ ގާނޫނީ ވަކީލު އަލީ ޝާހްއާއި، ސަން ކޮންސްޓްރަކްޝަންސްގެ ގާނޫނީ ވަކީލު އާދަމް ޒަލީފް ވެސް ވަނީ ދައުލަތުގެ ގިނަ ހެކިތަކެއް ބަލައިނުގަންނަން ހުށަހަޅުއްވައިފައެވެ.
މީގެ ތެރޭގައި އަދީބާއި ޒިޔަތުގެ ހެކިބަސް ހިމެނޭއިރު، ސަބަބެއްގެ ގޮތުގައި ދިފާއީ ވަކީލުން ފާހަގަ ކުރެއްވި ކަމަކީ އެ ދެ ބޭފުޅުން ވެސް ޚިޔާނާތުގައި ބައިވެރިވެވަޑައިގަތް ކަމަށް އިއުތިރާފްވެފައިވާތީ "ފާސިގުންގެ ހެކިބަސް" ބަލައިނުގަތުމަށެވެ.
މީގެ އިތުރުން މޯބައިލް ފޯން އަދި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރު އަބްދުﷲ ޝިފާޒްގެ ހެކި ބަސް ވެސް ބަލައިނުގަންނަން ހުށަހަޅައިފައެވެ.
ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ހެކި ލިސްޓުގައި ހިމެނޭ ގިނަ ހެކިތަކުގެ ފޯލިއޯ ނަންބަރު ވިދާޅުވުމަށް ފަހު އެ ހެކިތައް ވެސް ބަލައިނުގަންނަން ސަންގެ ދެ ކުންފުނީގެ ދިފާއީ ވަކީލުން ހުށަހަޅުއްވާފައިވެއެވެ.
ދައުލަތުގެ ހުށަހެޅުމުގައި ހިމެނެނީ އެންމެ ކަމެކެވެ. އެއީ ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް ދައުވާ ކުރާ ފަރާތަށް ފޯރުކޮށްނުދީ ހެކި ރައްކާތެރި ކުރުމަށެވެ. އަދި ފަހުން ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކަކާއި އިންތިޒާމެއްގެ ތެރެއިން ދިރާސާކުރަން ފުރުސަތެއް ދިނުމަށް ދައުލަތުން ހުށަހަޅުއްވައެވެ.
އެކަމަކު އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިވަޑައިގެން، ކްރިމިނަލް ކޯޓުގައި އޮންނަ އުސޫލުގެ ތެރެއިން ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ފޯމު މެދުވެރިކޮށް ހުށަހަޅުއްވަން ޖެހޭ ކަމެއް ކަމުގައި ސަން ކުންފުނިތަކުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވިއެވެ.
ސަންގެ ދެ ކުންފުނީގެ މައްޗަށް އުފުލިފައިވާ ދެ ދައުވާ ސާބިތު ކުރަން ޖުމުލަ 82 ހެކި ހުށަހަޅާފައިވެއެވެ. ސަންގެ ދެ ކުންފުނީގެ ދެ ފަރާތުން ކިތާބީ 30 ހެކި އަދި ޝަފައީ ދެ ހެކި ހުށަހަޅާފައިވެއެވެ. ޝަފައީ އެއް ހެކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހެކި ބަހެވެ.
މި މައްސަލާގައި ޔާމީންގެ މައްޗަށް ވެސް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވާއިރު، ބޮޑު ޚިޔާނާތުގެ އެހެން މައްސަލައެއްގައި ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގެ މަރުހަލާގައެވެ.
މީނަވެސް ބިރުހީވަނީދޯ
ގާޒީ އާއި އަދި ދައުލަތްވެސް ބަލައި ނުގަންނަން ކޯޓަށް ހުށަހަޅަންވީ ނުން ތިވަރު ވެއްޖެއިޔާ
ހޭވިހަޑި އެނގިދާނެތީދޯ؟ ޔާމީނުވެރިކަމުގައި ޔާމީނުވެގެން އުޅުނު އެންމެނެން އެއީ ޤައުމަށް ހިޔާނާތްތެރިވި ބައެއް.
މިހާރުވެސް އެވަރެއްނެތިގެން އެއުޅެނީ ކެވުނުވަރު މަދުވެގެން އަދިވެސް ޔާމީނު ވެރިކަމަށްގެންނަން
މި މުޅި ދިވެހި ރާއްޖެއައްވެސް ޒަމާނީ ތަރައްގީ ރޮކެޓް ސްޕީޓް ގާ ރައިސްޔާމީން ގެނެސް ދީފާވާ ކަން ބުއްދިސަލާމަތުން ހުރި ކޮންމެ މީހަކައް ފެންނާނެ