ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކޮންމެ އަހަރަކު 15 ސްކޮލަރޝިޕްގެ ފުރުސަތު ދޭން އެއްބަސްވެއްޖެއެވެ.

ރާއްޖެ ސަރުކާރާއި ހަންގޭރީ ސަރުކާރާއި ދެމެދު މިއަދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި އޮނަރަރީ ކޮންސަލް އޮފް ހަންގޭރީ އިން ދި މޯލްޑިވްސް މުޙައްމަދު ޢަލީ ޖަނާހު ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން މިއަހަރަށް ކަނޑައެޅިފައިވަނީ، ފުރަތަމަ ޑިގްރީގެ ހަ ފުރުސަތާއި މާސްޓަރސް ޑިގްރީގެ ހަތް ފުރުސަތާއި ޕީ.އެޗް.ޑީގެ ދެ ފުރުސަތެވެ. މި ސްކޮލަރޝިޕްތަކުގެ ތެރޭގައި އެގްރިކަލްޗަރ ސައިންސް، އާރޓްސް އެންޑް ހިޔުމެނިޓީޒް، ސޯޝަލް ސައިންސް، ކޮމްޕިޔުޓަރ ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ، އިކޮނޮމިކް ސައިންސް، އެންޖިނިއަރިން ސައިންސް، ހެލްތު ސައިންސް، ޓީޗަރ ޓްރެއިނިންގ، ސްޕޯޓް ސައިންސް، ނޭޗަރަލް ސައިންސް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

މިއީ ހަތަރު އަހަރުގެ އެއްބަސްވުމެކެވެ.

ސަރުކާރުން ބުނީ މި ސްކޮލަރޝިޕް ފުރުސަތުތަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓް ފިޔަވައި ހުރިހާ ޚަރަދެއް ހަމަޖައްސަވާނީ ހަންގޭރީ ސަރުކާރުންނެވެ. ދެކޮޅު ޓިކެޓްގެ ޚަރަދު ހަމަޖައްސާނީ ދިވެހި ސަރުކާރުން ކަމަށެވެ.

ހަންގޭރީ ސަރުކާރުން ރާއްޖެއަށް އަހަރަކު 15 ސްކޮލަރޝިޕް ފުރުސަތު ދޭން ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރަނީ - ފޮޓޯ: މިނިސްޓްރީ

މިއަހަރަށް ކަނޑައެޅިފައިވާ ސްކޮލަރޝިޕް ފުރުސަތުތަކަށް ނޮވެންބަރު މަހުގެ ފަހުކޮޅު އިއުލާނު ކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ހަރުދަނާކޮށް ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ސްކޮލާޝިޕްގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.