"ޖަޒީރާ މަސްރޭސް 2021" އަށް ހުރިހާ ޓީމުތަކެއް ތައްޔާރަށް ތިބި ކަމަށް އެ ޓީމުތަކުން ބުނެފިއެވެ.

އައްޑޫގެ ޖަމިއްޔާޢެއް ކަމަށްވާ އިކުޓޯރިއަލް ފިޝިން ކްލަބުން އިންތިޒާމުކޮށްގެން ހޮނިހިރު ދުވަހު ފަށާ މި މުބާރާތުގައި މިހާތަނަށް 11 ޓީމު ބައިވެރިވެއެވެ. ރޭގެ ވަގުތެއްގައި ހުރިހާ ޓީމުތަކުގެ ކެޕްޓަނުންނާ ބައްދަލުކޮށް މުބާރާތުގެ ގަވައިދުތައް ހިއްސާކޮށް ޓީމުތަކުގެ ހިޔާލު ހޯދާފައިވެއެވެ.

މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން، އަލީ ޝައުޒޫން ބުނީ މި މުބާރާތުގެ ބޭނުމަކީ ޒުވާނުން ސްޕޯޓްސް ފިޝިން އަށާއި ކަނޑުގެ ދިރުންތަކަށް ހިތްޖައްސައި ރާއްޖޭގެ ކަންކޮޅުތަކުގައި ސްޕޯޓްސް ފިޝިން އާލާކޮށް ދިރުވުން ކަމަށެވެ.

މަސް ރޭހުން އެއްވަނަ އަށް ދާ ޓީމަކަށް 30،000 ރުފިޔާ، ދެވަނަ އަށްދާ ޓީމަކަށް 20،000 ރުފިޔާ އަދި ތިންވަނަ އަށްދާ ފަރާތަކަށް 10،000 ރުފިޔާ ވަނީ ހުށަހަޅައިފައެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ބަރުމަސް، އެންމެ ގިނަމަސް އަދި އެންމެ ޒުވާން މަސްވެރިޔާވެސް ހޮވާނެ ކަމަށް ޝައުޒޫން ވިދާޅުވިއެވެ. ބައިވެރިވާ ހުރިހާ ޓީމަކުންވެސް ސަލާމަތީ ކަންކަން ފުރިހަމަވެފައި ހުރި ކޮންމެ އުޅަނދެއް ބޭނުންކުރެވޭނެއެވެ.

"މަސްވެރިކަމަށް ނުކުތުމުގެ ކުރިން ޗެކް ކުރެވޭނެ.މަރަދޫ ހާބަރުގެ ހުޅަނގު ފަރާތުން ފަހެއް ޖަހާއިރު މުބާރާތުގައި ބައިވެރިވާ ހުރިހާ އުޅަނދެއް އެ ސަރަހައްދުގައި ތިބެންޖެހޭ. ނައްޓާލާ ގަޑިއަކީ 06:30 ގައި." ޝައުޒޫން ބުންޏެވެ.

މަސްވެރިކަމަށް ބޭނުންކުރާ ބޯޓުތަކަށް ބޭނުންކުރާ ތެލާއި އެހެނިހެން ހުރިހާ އެއްޗެއް ހަމަކުރުމަކީ އެ ޓީމެއްގެ ޒިންމާއެއް ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ހުރިހާ ބޯޓެއްގައި އޮބްޒާވަރުން ބޭތިއްބުމަށް ވަނީ ނިންމާފަ އެވެ.

އޮބްޒާވަރުން މުބާރާތް ފެށިގެން ނިމެންދެން ބޯޓުގައި ތިބޭއިރު ބައިވެރިން ބާނާ މަސްތަކުގެ މިން ނަގައި ފޮޓޯނަގައި ބަރުދަން ބަލައި ވަގުތުން ނޯޓްކުރާނެއެވެ. މި މުބާރާތުގައި ބޭނޭނީ ވަކި ވައްތަރެއްގެ މަސްތައް ކަމަށް އެފަރާތުން ބުނެއެވެ. އަދި މަނާ އެއްވެސް މަހެއް ބޭނިއްޖެ ނަމަ ދޫކޮށްލުމަށްވެސް އަންގާފައި ވެއެވެ.

މަސްވެރިކަމަށް ނުކުންނައިރު މަސްވެރިކަން ކުރެވޭނީ އައްޑޫސިޓީ ވަށައިގެން ދިހަނޯޓީކަލް ތެރޭގައެވެ. ފިޝަރީޒް މިނިސްޓްރީން އަޅާފައިވާ ބޮއި އާ ތިން ނޯޓިކަލް މޭލުކައިރިން މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ. އަދި އީޕީއޭ އިން އައްޑޫގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން މަސްބޭނުމަކީވެސް މަނާކަމެއް ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.