ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދުނު 3.9 މިލިއަން ރުފިޔާ އިތުރަށް ދިން ނަމަވެސް އެ މައްސަލަތައް އަންނަ އަހަރު ވެސް ނިންމޭނޭ ކަމުގެ ޔަގީންކަމެއް ނުދެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މެންބަރުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އޭސީސީގެ މެމްބަރ އިބްރާހިމް ޝަކީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައަށް އިތުރަށް ފައިސާ ދީފި ނަމަ އެ ތަހުގީގުގެ ދުވެލި މިހާރަށް ވުރެ އަވަސް ވާނެ ކަމަށެވެ. ދުވެލި އަވަސްވާނެ ކަމަށް ވިދާޅުވީ ނަމަވެސް، އަންނަ އަހަރުގެ ތެރޭގައި ވެސް އެ މައްސަލަތައް އެއްކޮށް ނިންމާލެވޭނޭ ކަމުގެ ޔަގީންކަމެއް އޭނާ ނުދެއްވައެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައަކީ ފުލުުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގު ކުރާ މައްސަލައަކަށް ވާތީ މައްސަލަތައް ނިމޭނެ ފޯކާސްޓެއް އެކުލަވާލެވޭނީ މުއައްސަސާތަކާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށް ޝަކީލް ވިދާޅުވިއެވެ. މިވަގުތު ބޮޑުހިޔާނާތުގެ މައްސަލަ ނިމޭނެ ފޯކާސްޓެއް ނެތްކަން ފާހަގަ ކުރައްވާ ޝަކީލް ވިދާޅުވީ "އެކަމުގައި ފޯކާސްޓެއް އަޅުގަނޑުމެން އެހެން މުއައްސަސާތަކާ މަޝްވަރާކޮށްފައި ހަދާނަން،" ކަމަށެވެ.

މީގެ އިތުރުން ޝަކީލް ވިދާޅުވީ އަމަލީގޮތުން މި މަސައްކަތް ކުރަން ބަލާއިރު، ބޭނުންވާ ރިސޯސަސް އާ ނުލާ މަސައްކަތް ކުރުމަކީ ދަތި ކަމެއް ކަމަށެވެ. ބޭނުންވަނީ ވީހާވެސް އަވަހަކަށް މައްސަލަ ނިންމަންކަން ފާހަގަ ކުރައްވާ ޝަކީލް ވަނީ މެމްބަރުން "ޕޮޒިޓިވް" ކޮށް ވިސްނުމަށް އެދިފައެވެ.

އަދި "މިއީ ސަރުކާރު ވެސް އަދި މި މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ވެސް ބޮޑު ވައުދެއް އެމްއެމްޕީއާރުސީ މައްސަލަ ބެލުމަކީ" މިކަމަށް ސަރުކާރުން އިންވެސްޓް ކުރަން އެބަ ޖެހޭކަން ފާހަގަ ކުރައްވާ ޝަކީލް އިތުރަށް ވިދާޅުވިއެވެ.