40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 13:30 އާއި ހަމައަށެވެ.

މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި، 9 މީޓަރު (30 ފޫޓް) އިން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެއް ކަމަށް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ލ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ހުރިހާ ސަރަހައްދެއްގައި ވެސް 9 މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސެންޖަރުން އުފުލުން މިހާރު މަނާ ވާނެއެވެ.

ނޮވެމްބަރ މަސް ފެށުނު ފަހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އަންނަނީ މެދުކެނޑުމެއްނެތި ވިއްސާރަ ކުރަމުންނެވެ.