ނިޒާމުގެ ތެރެއިން ޖަވާބުދާރީވާން ތައްޔާރު ކަމަށް ވިދާޅުވެ ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރައްދުދީފިއެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް، ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ ދައުވާތައް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ޕޮލިސް ކޮމިޝަނަރުގެ ވާހަކަތަކަށް ރައްދުދީ އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުގެ ކޯޓުތައް ހުރީ ހުޅުވިފައި ކަމަށާއި ނަމަވެސް ރައީސް އޮފީހުން ގުޅާލާފައި ނުވަތަ ޖޭއެސްއީއިން ގުޅާލާފައި އިނގިރޭސިވިލާތުގެ ފަނޑިޔާރުގެއަކާ ނުކުޅެވޭނެ ކަމަށެވެ.

އަލީ ވަހީދު ވަނީ ދިވެހި ސަރުކާރުން އިނގިރޭސިވިލާތައް އަވަހަށް ވަޑައިގަންނަވަން ދައުވަތު ދެއްވާފައެވެ. އޭނާ ވިދާޅުވީ އޭނާ ހުރީ ނިޒާމުގެތެރެއިން ޖަވާބުދާރީވާން ތައްޔާރަށް ކަމަށެވެ. ނަމަވެސް ކުޅިކުޅިވަރު ކުޅޭކަށް ފުރުޞަތެއް ނުދޭނަން ކަމަށް ވިދާޅުވިއެވެ. އެއަށްފަހު އަލީ ވަހީދު ވިދާޅުވީ "އެނބުރިއަންނާނަން" ކަމަށެވެ.

އަލީ ވަހީދު ހޯދަން އަދި މިހާތަނަށް އިންޓަޕޯލް ރެޑްނޯޓިސްއެއް ނެރެފައެއް ވެސް ނުވެއެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތް އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމަށް މިމަހުގެ 08 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް އަލީ ވަހީދު ވަޑައިނުގެންނެވުމުން އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން އަލީ ވަހީދަށް ދޭން ނިންމުމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ އެވެ. އަދި އެ މައްސަލަ ބަލައި ނިމެންދެން، އޭނާގެ ޝަރީއަތް އޮންލައިންކޮށް ނުބާއްވަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުނުވުމުން އެ ކޯޓުން ވަނީ އޭނާ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އެކަމަކު، އޭނާ ރާއްޖެއަށް ގެނެވިފައި ނުވާތީ އެ ހުކުމް ތަންފީޒެއް ނުކުރެވެ އެވެ. އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން އެނބުރި ވަޑައެއް ނުގަންނަވަ އެވެ. ދައުލަތުން ބުނާ ގޮތުގައި އޭނާ އުޅެނީ ފިލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުގުރި

    އަލީވަހީދު ކުރި ނުކުރި ކަމެއްވެސް ނޭގެއެވެ. އެކަމަކު އޭނައަކަށް ހަމަ ހުރެފަ ފުރާގެއް ނުދެވޭނެ ފޮނު ވާލީމަ ނޫނީ. ދެނެއް ކޯޓޭ ރެޑްނޯޓިސްއޭ ނުކިޔާ ތީ ސަރުކާރުން ގަސްދުގައި ރާވައިގެން ހިންގާ ޖަރީމާއެއް.

    21